ޚަބަރު

މެދުފަންތީގެ އެޕާޓްމަންޓް ބިލްޑިންގްތަކެއް ޢިމާރާތްކުރަން ބިން ދޫކުރަނީ


މެދުފަންތީގެ އެޕާޓްމަންޓުތައް ޢިމާރާތްކުރުމަށް އަމާޒުކޮށް، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެޕާޓްމަންޓް ބިލްޑިންގްތަކެއް އެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއިން ވަނީ މިފަދަ އެޕާޓްމަންޓް ބިލްޑިންގްތަކެއް ތަރައްޤީކޮށް، އެ ތަންތަން ވިއްކާނެ ބަޔަކު ހޯދަން އިޢުލާންކޮށްފައެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ "މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް"ގެ ގޮތުގައި ހަތަރު އެޕާޓްމަންޓް ބިލްޑިންގް ޢިމާރާތްކޮށް، ވިއްކާނެ ބަޔަކު ހޯދަން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން އަންނަ ސެޕްޓެމްބަރު 24ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭނެއެވެ. މި އިއުލާންގައި ވާގޮތުން އަލަށް ހަދަނީ 14 ބުރީގެ ތިން ޢިމާރާތާއި 10 ބުރީގެ އެއް ޢިމާރާތެކެވެ. ހަތަރު ޢިމާރާތުގެ ތެރެއިން 10 ބުރީގެ އިމާރާތުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 12،000 އަކަފޫޓެވެ. ބާކީ ތިން އިމާރާތުގެ ބޮޑުމިނުގައި އުޅެނީ 24،000 އަކަފޫޓާއި 30،000 އަކަފޫޓު އަދި 26،000 އަކަފޫޓެވެ. މި ޢިމާރާތްތަކުގައި ހިމެނޭނީ 2-3 ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ. ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ އޮގަސްޓް މަހުގެ 13 އެވެ.

އެޗްޑީސީއިން ވަނީ އޮގަސްޓް މަހުގެ 27ގެ ކުރިން ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ އެޗްޑީސީއަށް ([email protected]) އީމެއިލަށް މެއިލްކުރުމަށް އެދިފައެވެ. މިކަމަށް ކުރިމަތިލާ ލޯކަލް ޕާޓީތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ދައްކަން ޖެހޭއިރު، ބޭރުގެ ފަރާތެއް ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ސަތޭކަ ހާސް އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެކަމަށް އެޗްޑީސީގެ އިއުލާނުގައިވެއެވެ.

އެޗްޑީސީގެ ޓުވީޓް

ހުޅުމާލޭ 2ވަނަ ފިޔަވަހީގައި މި ސަރުކާރުގެ ފުރަތަމަ ހައުސިންގް ޕްރޮޖެކްޓްގެ ބިންގާ މިހާރުވަނީ އަޅާފައެވެ. "ފަހި ދިރިއުޅުން" މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން އެޅުމަށް މަސައްކަތްކުރަމުންދަނީ 1700 ހައުސިންގ ޔުނިޓެވެ.

ގާތްގަނޑަކަށް 133 މިލިއަން ޑޮލަރު ޚަރަދުވާ މިމަޝްރޫގެ ޢަމަލީ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.