އަތޮޅުތައް

ފުވައްމުލަކުގައި ޤާއިމްކުރާ އައިސް ޕްލާންޓް


ފުވައްމުލަކުގައި ސަރުކާރުން ޤާއިމްކުރަން ނިންމާފައިވާ އައިސްޕްލާންޓްގެ މަސައްކަތް މިފްކޯއާއި ހަވާލުކޮށްފިއެވެ. ފުވައްމުލަކު ހާފިޒް އަޙުމަދު ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި، މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނައިބް، އަޙުމަދު ޙާފިޒެވެ. އަދި މިފްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ބޯޑް މެމްބަރ އަލީ ޝަރީފެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިނިސްޓްރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، މި އައިސްޕްލާންޓަކީ ފުވައްމުލަކުގެ ރައްޔިތުން މިދިޔައަހަރު މިނިސްޓްރީގައި އެދުނު ކަމެއް ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގައި މިމަސައްކަތް ހިމަނައި، މިކަން ހަޤީގަތަކަށް ހެދުމަށް މިއަދުން ފެށިގެން މަސައްކަތް ފެށުނީ ކަމަށް ޝައިނީ ވިދާޅުވިއެވެ. ފުވައްމުލަކުގެ މަސްވެރިކަމަށް ބައްލަވާލައްވާ މިނިސްޓަރ ވިދާޅުވީ ރަށުގައި ބަނދަރެއްގެ ފަސޭހަކަން ލިބުމާއިއެކު، އެންމެ ހަލުވި ސްޕީޑެއްގައި މަސްވެރިކަން ތަރައްޤީކުރި ރަށަކީ ފުވައްމުލަށް ކަމަށެވެ. އަދި އެރަށުގެ މަސްވެރިން މިހާރު އެދެމުންދާފަދަ އެންދަމާނެ ކަނދުފައްޗެއް ރަށުގެ ކައިރީ ޤާއިމްކުރުމުގެ މަސައްކަތް އަވަސް މުސްތަޤްބަލެއްގައި މިނިސްޓްރީން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ދުވާލަކު ފަންސަވީސް ޓަނު އައިސް އުފެއްދޭ ފެންވަރަށް ފުވައްމުލަކުގައި ޤާއިމްކުރާ އައިސްޕްލާންޓްގެ ޢަމަލީ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މިފްކޯއިން ބުނެއެވެ. މިނިސްޓަރ އިއްޔެ ފުވައްމުލަކަށް ކުރެއްވި ރަސްމީ ދަތުރު ފުޅުގައި އެރަށުގެ މަސްވެރިނެގެ އިތުރުން ދަނޑުވެރިންނާއިވެސް ވަނީ ބައްދަލުކުރައްވާ، އެފަރާތްތަކުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވައި ލައްވާފައެވެ.