ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުން


ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކއިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 904 ފަތުރުވެރިންނެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 10 ޤައުމުގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތް، އެމެރިކާ، ޖަރުމަނުވިލާތް، ސްވިޒަލޭންޑް، ރަޝިއާ، ފިލިޕީންސް، ޔޫއޭއީ، ސްޕެއިން، ހަންގޭރީ އަދި މިސްރުއެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި އިނގިރޭސިވިލާތުން މިހާތަނަށް 117 ފަތުރުވެރިން ވަނީ އައިސްފައެވެ. އެމެރިކާއިން 106 ފަތުރުވެރިން އައިސްފައިވާއިރު، ޖަރުމަނުވިލާތުން 73 ފަތުރުވެރިން އަދި ސްވިޒަލޭންޑުން 45 ފަތުރުވެރިން ވަނީ އައިސްފައެވެ. ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 45 އެވެ. ފިލިޕީންސްއިން 35 ފަތުރުވެރިން، ޔޫއޭއީން 31 ފަތުރުވެރިން، ސްޕެއިންއިން 31 ފަތުރުވެރިން ހަންގޭރީން 30 ފަތުރުވެރިން އަދި މިސްރުން 23 ފަތުރުވެރިން މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޯވިޑް19ގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ޗައިނާ، އިންޑިއާ، އިޓަލީވިލާތް ފަދަ ޤައުމުތައް ހިމެނެއެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިންއޮތް ހާލަތަށް އެނބުރިދާން ވަގުތު ނަގާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ބައިނަލްއަޤްވާމީ އެއަރލައިންތަކަކުންވެސް ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. އެގޮތުން އިއްތިހާދު އެއަރވޭސް، އެމިރޭޓްސް، ގަތަރު އެއަރވޭސް، ސްރީލަންކަން އެއަރލައިންސްއިން ދަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އަދި ބައިނަލްއަޤްވާމީ އެހެން އެއަރލައިންތަކުންވެސް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިމަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލީ 110 ދުވަހަށްފަހުގައެވެ.