ޚަބަރު

މުޖުތަމައުގައިހުރި މައްސަލަތައް ހައްލުކުރުމަށް ޔޫއެންޑީޕީއާއެކު މީޑިޔާ ކެމްޕެއިނެއް


މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޔޫއެންޑީޕީއާއެކު މީޑިޔާ ކެމްޕެއިނެއް ފެށުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފަށައިފިއެވެ.

މީޑިޔާ ކެމްޕެއިނަށް ތައްޔާރުވުމަށް އިއްޔެ ހޯމް މިނިސްޓްރީންވަނީ މަސްލަހަތުވެރިންގެ މެދުގައި އޮންލައިން މަސައްކަތުބައްދަލުވުމެއް ކުރިއަށްގެންގޮސްފައެވެ. މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާރޒް މުޙައްމަދު މާހިރު އީސާއެވެ. މިއީ ޔޫއެންޑީޕީގެ އިންޓަގްރޭޓެޑް ގަވަރނަންސް ޕްރޮގްރާމްގެ ދަށުން ހޯމް މިނިސްޓްރީއާ ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

އިއްޔެ ކުރިއަށްގެންދިޔަ މަސައްކަތުބައްދަލުވުމުގެ ބޭނުމަކީ މިވަގުތު މުޖުތަމައުގައި ހުރި މައްސަލަތަކާމެދު މަޝްވަރާކުރުމެވެ. އަދި މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު ޚިޔާލު ބަދަލުކޮށް، ކެމްޕެއިން މެދުވެރިކޮށް މުޖުތަމަޢަށް ދޭނެ މެސެޖްތަކާ ގުޅޭގޮތުން މަސައްކަތު ބައްދަލުވުމުގައިވަނީ މަޝްވަރާކޮށްފައެވެ. މީގެއިތުރުން މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 އާ ގުޅިގެން ހީނަރުވަމުން އަންނަ އިޖުތިމާޢީ ބަދަހިކަމާއި، މިކަމާ ގުޅިގެން މުޖުތަމަޢަށް ދިމާވާ މައްސަލަތަކާއި، މައްސަލަތައް ހައްލުކުރާނެ ގޮތްތަކާގުޅޭ ގޮތުންވެސްވަނީ މަޝްވަރާކޮށްފައެވެ. މަޝްވަރާތަކުގެ އަލީގައި މީޑިޔާ ކެމްޕެއިންގެ ތެރެއިން ދޭނެ މެސެޖްތައް ވަނީ ފާހަގަކޮށްފައެވެ.

މަސައްކަތު ބައްދަލުވުމުގެ ކުރިން އިޖުތިމާއީ ބަދަހިކަމާއި، ރާއްޖޭގެ މިހާރުގެ ހާލަތާގުޅޭ ގޮތުން ބައްދަލުވުމުގެ ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ. މިމަސައްކަތު ބައްދަލުވުމުގައި 30 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި، ޖަމްއިއްޔާތަކުގެ އިތުރުން ކަމާއި ގުޅުންހުރި އެހެން ފަރާތްތައްވެސް ހިމެނެއެވެ. އެގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އެން.ސީ.ޓީ.ސީއާއި، ބްރޯޑްކާސްޓިންގ ކޮމިޝަނާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، ޔޫއެންއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި، ބައެއް މަދަނީ ޖަމްއިއްޔާތައް ހިމެނެއެވެ.