ވިޔަފާރި

ބޯޑަރު ހިއްސާކުރާ ޤައުމުތަކުން މުދާ އެތެރެކުރުމުގައި ގެންގުޅޭ އުސޫލުތައް އިންޑިއާއިން ހަރުކަށިކޮށްފި


ބޯޑަރު ހިއްސާކުރާ ޤައުމުތަކުން މުދާ އެތެރެކުރުމުގައި ގެންގުޅޭ އުސޫލުތައް އިންޑިއާއިން ހަރުކަށިކޮށްފިއެވެ.

ބޯޑަރު ހިއްސާ ޤައުމުތަކުން މުދާ އެތެރެކުރުމުގައި އިންޑިއާއިން ގެންގުޅޭ އުސޫލުތައް ހަރުކަށިކޮށްފައި ވަނީ އިންޑިއާއާއެކު ބޯޑަރު ހިއްސާކުރާ ޗައިނާގެ ކުންފުނިތަކަށް އަމާޒުކޮށްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ބުރާސްފަތިދުވަހު އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ އެޤައުމާއެކު ބޯޑަރު ހިއްސާކުރާ ޤައުމުތަކުން މުދާ އެތެރެކުރުމުގައ ގެންގުޅޭ އުސޫލުތައް ބަދަލުކޮށް، އެކަމާ ގުޅޭ ތަފްސީލް ހިއްސާކޮށްފައެވެ. މިގޮތުން މިއުސޫލުގައި ބޯޑަރު ހިއްސާކުރާ ޤައުމުތަކުން ހޯދަންޖެހޭ ހުއްދަތައް ވަނީ އިތުރުކޮށްފައެވެ. އަދި ބޯޑަރު ހިއްސާކުރާ ޤައުމުތަކުގެ ކުންފުނިތަކުން މުދާ އެތެރެކުރުމުގެ ކުރިން އިންޑިއާގެ ފޮރިން މިނިސްޓްރީއާއި ހޯމް މިނިސްޓްރީން ޕޮލިޓިކަލް އަދި ސެކިއުރިޓީ ކްލިރިއަންސް ހޯދަންޖެހެއެވެ. ނަމަވެސް ކޯވިޑްއާ ގުޅިގެން އެތެރެކުރަންޖެހޭ މުދާ އެތެރެކުރުމުގައި މިއަހަރު ނިމެންދެން މިއުސޫލަށް އަމަލުކުރުން ވަނީ މަޑުޖައްސާލާފައެވެ. އިންޑިއާގެ ކަމާބެހޭ އޮފިޝަލުން ބުނާ ގޮތުން އުސޫލުތައް ހަރުކަށިކުރީ އިންޑިއާގެ ޤައުމީ ސަލާމަތާއި ގުޅުންހުރި ކަންކަން ހަރުދަނާކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

އިންޑިއާއާއެކު 6 ޤައުމަކުން ބޯޑަރު ހިއްސާކުރެއެވެ. އެއީ މިޔަންމާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް ޕާކިސްތާނު އަދި ޗައިނާއެވެ. ތަޖުރިބާކާރުން ބުނާގޮތުން ބޯޑަރު ހިއްސާ ޤައުމުތަކުން މުދާ އެތެރެކުރުމުގައި އިންޑިއާއިން ގެންގުޅޭ އުސޫލުތައް ހަރުކަށިކުރީ ޗައިނާގެ ކުންފުނިތަކަށް އަމާޒުކޮށެވެ.

ޗައިނާއާއި އިންޑިއާގެ ގުޅުން މިފަހުން ގޯސްވެގެންދިޔައީ، މިދިޔަމަހުގެ މެދުތެރޭގައި ޗައިނާއާއި އިންޑިއާ ބޯޑަރުގައި ހިނގި ކުރިމަތިލުމެއްގައި އިންޑިއާ ސިފައިންގެ ބަޔަކު މަރުވުމާ ގުޅިގެނެވެ. އޭގެފަހުން އިންޑިއާއިން ދަނީ ޗައިނާގެ ވިޔަފާރިތަކަށް ދަތިކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އިންޑިއާއިން ވަނީ މިދިޔަމަހު ފަހުކޮޅު އިންޑިއާގައި ބޭނުންކުރާ ޗައިނާގެ ކުންފުނިތަކުގެ 60 ވަރަކަށް އެޕްލިކޭޝަން ބޭނުންކުރުން މަނާކޮށްފައެވެ.