ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަށްރަށަށް ދަތުރުކުރުން ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަށްރަށަށް ދަތުރުކުރުން ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ފުލުހުންގެ ޑިވިޝަނަލް ކޮމާންޑްގެ އިސްވެރިންނާއެކުއެވެ. މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާއިރު، ބިދޭސީންނަށް މުސާރަ ނުދޭކަމުގެ ގިނަ މައްސަލަތަކެއްވެސް ފަހަކަށް އައިސް އަންނަނީ ފެންމަތިވަމުންނެވެ. ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ފުލުހުން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަށްރަށަށް ދަތުރުކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މިކަމާގުޅިގެން ކަނޑު ދަތުރުފަތުރުގެ ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެއް ރަށުން އަނެއްރަށަށް ދަތުރުކުރުން މޮނިޓަރކޮށް އެކަން އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން އިމިގްރޭޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ދެމެދުވެސް ދާދިފަހުން ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ބިދޭސީން ދަތުރުކުރާ ރަށްތަކުގެ މަޢުލޫމާތު ރެކޯޑް ޓްރާންސްޕޯޓް މިނިސްޓްރީގެ އެހީގައި ބެލެހެއްޓޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން، މުދާ އުފުލާ ބޯޓުތަކުގައާއި، އަދި އެމީހުންގެ މަޢުލޫމާތު އޮޅުވާލައިގެން ރަށްރަށުގައިވެސް އުޅެމުންދާ ކަމަށް މި ބައްދަލުވުމުގައި ފާހަގަކުރައްވާފައިވެއެވެ.

މިކަން ހުއްޓުވާ، އެކި މަސައްކަތުގައި ރަށްރަށަށް ދާ ބިދޭސީންނަކީ ޤަވާއިދާ އެއްގޮތަށް، ހުއްދަތަށް ނަގައިގެން ދާ ބިދޭސީންކަން ޔަގީންކުރާނެ ގޮތްތަކާއި ގުޅޭގޮތުން އިމިގްރޭޝަނާއެކު ޓްރާންސްޕޯޓް މިނިސްޓަރ މަޝްވަރާކުރައްވާފައިވެއެވެ. އަދި ކޮންމެ ރަށެއްގައިވެސް އެރަށެއްގައި މަސައްކަތް ކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމާއި، އަދި އެމީހުން އެހެން ތަންތަނަށް ދަތުރުކުރާނަމަ އެކަން ލިޔެކިޔުމުން ފެންނާނެގޮތަށް ވަކި ސިސްޓަމެއްގެ ތެރެއިން ބެލޭނެގޮތް ހަމަޖެއްސުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް ހަރުދަނާކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަހުމަދު ހުސައިންވެސް ވަނީ ގޮވާލައްވާފައެވެ.

އެގޮތުން އެފަދަ ބިދޭސީންނަށް އަތޮޅުތަކުގެ ރަށްތަކަކީ "ސޭފް ހެވަން" އެއްކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ސިފަކުރައްވާފައެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އޮޅުވާލައިގެން އަތޮޅުތަކަށް ގޮސް މަސައްކަތް ހޯދުމަކީ މިހާރު ގިނަ ބިދޭސީންތަކެއް ކުރަމުން އަންނަ ކަމެެއްކަމަށާއި، އެ ސަޤާފަތް ނައްތާލުމަށްޓަކައި ކައުންސިލުތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރުން މުހިއްމުކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް އިމިގްރޭޝަނުންނެވެ. މާލޭގެ އިތުރަށް އަތޮޅުތަކުގެ ރަށްތަކުގައިވެސް ޤަވާއިދާ ޚިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އެކި މަސައްކަތްތަކުގައި ގޮސް ދިރިއުޅެއެވެ. މިފަދަ މީހުން ދެނެގަނެ، އެމީހުން އުޅޭ ނޫޅޭގޮތް މޮނިޓަރކުރުމާގުޅޭ މަސައްކަތްތަކެއް މިހާރުވެސް އިމިގްރޭޝަނުން ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން އަންނަނީ ކުރަމުންނެވެ.