ޚަބަރު

ދީބާޖާއަށް ބަދަލު ދޭވަރުގެ ގެއްލުމެއް ނެތް - އޮޑިޓަރ ޖެނަރަލް


ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ސަރުކާރުން ވެފައިއޮތް އެއްބަސްވުން އުވާލުމުން އެކުންފުންޏަށް ބޮޑު ބަދަލެއް ދޭން ނިންމާފައި އޮތްނަމަވެސް، އެ ކުންފުންޏަށް ދައުލަތުން އެއްވެސް ބަދަލެއް ދޭން ޖެހޭވަރުގެ ގެއްލުމެއް ލިބުނުކަމެއް އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތްކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ދީބާޖާ އެއްބަސްވުން އުވާލުމުން އެކުންފުންޏަށް ބޮޑު ބަދަލެއްދޭން ކޯޓުންވަނީ ޙުކުމްކޮށްފައެވެ. އަދި ފަހުން ކޯޓުންބޭރުގައި ސަރުކާރުން އެކުލަވާލި ސެޓްލްމެންޓް އެއްބަސްވުމަކުން އެޢަދަދު މަދުކޮށް ބަދަލުދޭން ދެފަރާތުން އޮތީ އެއްބަސްވެފައެވެ.

މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ ނ، ރ، ބ، ޅ މިއަތޮޅުތަކުގެ ފެރީގެ ޚިދުމަތް ދޭން ދީބާޖާއާއެކު ވީ އެއްބަސްވުމާ އެއްގޮތަށް ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ޚިދުމަތް ފެށުމުގައިވެސް އެ ކުންފުނިން ޢަމަލުކުރަމުން ދިޔައީ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ. އެއީ ސަރުކާރުން ކޮށްދޭންޖެހޭ އެއްވެސްކަމެއް ފުރިހަމަ ނުވެ އޮތުމުން ނޫން ކަމަށް ވެސް އޮޑިޓަރ ޖެނަރަލް ވިދާޅުވިއެވެ.

"ދީބާޖާ އެކު އެއްބަސްވި ފެރީގެ ޚިދުމަތަށް އެތައް ބަޔަކު ބަރޯސާވެ ތިބި. އެހެންވެ އެއްބަސްވުމުގައި ސާފުކޮށް ބުނަނީ ޚިދުމަތް ފަސް ދުވަހަށް މެދުކެނޑިއްޖިއްޔާ އެއްބަސްވުން ބާތިލްކުރެވިދާނެއޭ. އަޅުގަނޑުމެން ބެލިބެލުމުން މި ކޮންޓްރެކްޓް ވަރަށް ސާފު، ބާތިލްކޮށްގެން ދައުލަތަކުން ބަދަލެއް ދޭން ޖެހޭނެ ކަމަކަށް ނުފެނެ" އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވިއެވެ.

އޮޑިޓަރ ޖެނަރަލް ވިދާޅުވީ ދީބާޖާއިން އެއްބަސްވުމާ އެއްގޮތަށް އެއްވެސް އިންވެސްޓްމެންޓެއް ކޮށްފައިވާނަމަ އެތަފްސީލްތައް ދޭން އެދުނުކަމަށާ، ނަމަވެސް ޚަރަދުކޮށްފައިވާކަމުގެ އެއްވެސް ލިއުމެއް ދީބާޖާ އިން ފޯރުކޮށް ނުދޭ ކަމަށް ޒިޔަތު ވިދާޅުވިއެވެ. އަދި ބަދަލުދޭން ސިވިލް ކޯޓުން ހުކުމްކުރީ އޮޑިޓަރެއްގެ ލިއުމަކަށް ބަލާފައި ކަމަށް އޮތަސް ޓްރާންސްޕޯޓަށް ހުށަހެޅި ދެގަނޑުގައި އެއްވެސް އޮޑިޓަރަކު ސޮއިކޮށް، ސްޓޭމްޕް ޖަހާފައި ނުވާކަން ޒިޔަތު ފާހަގަކުރެއްވިއެވެ.

"ދީބާޖާ އިން ބަދަލު ހޯދަން ޓްރާންސްޕޯޓަށް ހުށަހެޅި ދެ ގަނޑު އަޅުގަނޑުމެން ވެސް ބަލާލިން. އެއަކު ނެތް ފެރީ ޚިދުމަތުގެ އެއްވެސް ރެވެނިއުއެއް ވެސް އެކްސްޕެންސެސްއެއް ވެސް. އޭގައި ހުރީ އެ ބޭފުޅުންގެ ރިސޯޓް ހިންގައިގެން ފެރީ ޓާމިނަލް، ގެސްޓް ހައުސް ހިންގައިގެން ލިބޭނެ އާމްދަނީ 50 އަހަރު ދުވަހަށް އަންދާޒާކޮށްފައި." އޮޑިޓަރ ޖެނަރަލް ޙަސަން ޒިޔަތު ވިދާޅުވިއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ކޯޓުން ބޭރުން މި މައްސަލަ ހައްލުކޮށް 348 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދީބާޖާއަށް ދިނުމަށް ރައީސް އުފެއްދެވި ސެޓްލްމަންޓް ކޮމިޓިން ވަނީ ނިންމާފައެވެ.