ޚަބަރު

ޝަރީޢަތް ނިމެންދެން އަދީބު، ރިމާންޑް ޖަލުގައި ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފި


ދައުލަތުން އަޙްމަދު އަދީބާދެކޮޅަށް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަތަކުގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

އަދީބާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ 7 ދަޢުވާ އެކޯޓުން ބޭރުކޮއްލުމާ ގުޅިގެން އެމައްސަލަތައް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށައެޅުމުން މިއަދުވަނީ އެމަސައްލައިގެ ޝަރީއަތް ފަށާފައެެވެ.

މިއަދު ބޭއްވި ފުރަތަމަ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުންވަނީ އަދީބު ފިލާފާނެކަމަށް ބެލެވޭތީ އޭނާ ބަންދުގައި ބެހެއްޓުމުގެ ޢަމުރެއް ނެރެދިނުމަށް ކޯޓުގައި އެދިފައެވެ. ނަމަވެސް އަދީބު ޤާނޫނީ ވަކީލަކާއެކު ކުރިއަށްގެންދަން ބޭނުނަވާކަމަށާ މިއަދު ހެނދުނު ބޭއްވި ޝަރީޢަތުގެ މަޖިލީހާ ހަމައަށްވެސް ވަކީލަކު ހަމަނުޖެހޭކަމަށް ބުނުމުން މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުންވަނީ ފުރުސަތު ދެއްވާފައެވެ.

މިއާއެކު އަދީބު ބަންދުގައިު ބަހައްޓައިދިނުމަށް ދައުލަތުން ހުށައެޅި ހުށައެޅުމާއި އަދީބުގެ ފަރާތުން ހުށައެޅި ކަންކަމާއި ރިޢާޔަތްކޮށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ، މީގެ ކުރިންވެސް ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ސަލާމަތީ ބާރުތަކަށް ނޭނގި އަދީބު ފިލާފައިވާތީ އަދިވެސް ފިލާފާނެކަމުގެ އިހްތިމާލު އޮތުމުންނާއި، އަދީބުގެ ފަރާތުން ހުށައެޅި ކަންކަމުގައި އޭނާ ފިލައިގެން ނުދާނެކަން ނުވަތަ އެކަން ނުކުރާނެކަމުގެ އެކަށީގެންވާ ސަބަބެއް ނުދެއްކޭތީ އަދި އަދީބުގެ މައްޗަށް ބޮޑެތި ކޮށްތަކެއްގެ ތުހުމަތު ކުރެވިފައިވާތީ ދައުލަތުން އެދިފައިވާ ގޮތަށް ޝަރީޢަތް ނިމެންދެން ނުވަތަ ކޯޓުން ވަކޮގޮތެއް އަންގަންދެން ރިމާންޑްޖަލެއްގައި ބެހެއްޓުމަށް އަމުރުނެރޭކަމަށެވެ.

މިއަމުރު ނެރުމާއި ގުޅޭގޮތުން ދައުލަތުންވެސް އަދި އަދީބުގެ ފަރާތުންވެސް ވަނީ ތަފްސީލީ މައިލޫމާތުތަލެއް ޝަރީޢަތުގެ މަޖިލީހުގައި ހިއްސާކޮށްފައެވެ. އަދީބު ފިލާފާނެކަން މާޒީގައި ވެފައިހުރި ކަންކަމުން އެނގެން އޮތްކަން ދައުލަތުން ބުނުމުން އަދީބުވަނީ އޭނާކުރިން ކުށަށް އަދަބު ލިބިފައިވާކަމަށްބުނެ ގޭގައި ބަހައްޓައިދިނުމަށް އެދޭ ބައެއް ސަބަބުތައް ހިއްސާކުރައްވާފައެެވެ.

އެގޮތުން އަމިއްލަ އަށް އެދިގެން ފުލުހުންގެ ސެކިއުރިޓީ ހޯދާފައިވުމާއި ދިރިއުޅުއްވާ އެޕާޓްމަންޓް ކުރިމަތީގައި ކެމެރާ ބަހައްޓާފައިވުމުން އޭނާއަށް ފިލޭނެ ހާލަތެއް އޮތްކަމަށް ޤަބޫލު ނުކުރާކަމަށެވެ. އަދި މިހާރުވެސް ބޮޑެތި މައްސަލަތަކެއްގައި އޭނާ ދައުލަތަށް އެއްބާރުލުން ދެމުންދާއިރު، ސިއްޙީ ބޮޑު މައްސަލަތަކެއްވެސް ހުރިކަމަށް އަދީބު ކިޔައިދިނެވެ. ފުއްޕާމޭގެ މައްސަލަ ހުރުމުން ނިދެނީވެސް މެޝިން ބޭނުންކޮށްގެންކަމުން ކޯވިޑް-19ގެ މިޙާލަތުގައި ޖަލެއްގައި ހުރެއްގެނަމަ އޭނާއަށް އެތަކެއް ތަކުލީފު ލިބޭނެކަމަށެވެ.

އެކަންކަމާއި ގުޅިގެން ދައުލަތުންވަނީ ރިމާންޑްޖަލެއްގައި ހުރިނަމަވެސް ޤާނޫނުގައިވާ ގޮތުގެ މަތިން އަދީބުގެ ސިއްޙީހާލަތަށް ރިޢާޔަތްކޮށް ގޮތްނިންމާނީ ކަރެކްޝަނަލް ސަރވިސުން ކަމަށް ހާމަކޮށްފައެވެ. ހައިކޯޓުން މިއަދު ނެރުނު އަމުރުގައިވެސް ވަނީ އަދީބު އެދުނު ސިއްޙީ މައްސަލަތަކާގުޅިގެން ދައުލަތުން ރިޢާޔަތްކުރި ގޮތަށް ކަރެކްޝަނަލް ސަރވސިުން އެކަންކަން ބަލާނެކަން ފާހަގަކުރައްވާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި 7 ދައުވާއެއް ބާތިލުކޮށް ކުރިމިނަލްކޯޓުން ބޭރުކޮށްލީ މިމަހުގެ 14 ވަނަދުވަހުއެވެ. ކޯޓުން އެ މައްސަލަ ބޭރުކޮށްލާފައިވަނީ ތަހުގީގުގެ ތެރެއިން ކުށަށް އިއުތިރާފުވުމާއި ގުޅޭގޮތުން އަދީބާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމަކީ ޤާނޫނު އަސާސީއާއި ހިލާފް އެއްބަސްވުމެއްކަމަށް ނިންމުމަށްފަހުއެވެ. އެ އެއްބަސްވުމަކީ އަދީބަށް ބޭސްފަރުވާގެ ކަންކަން ޝަރުތުކޮށް ކުށަށް އިއުތިރާފުވުމަށް މަޖުބޫރުކޮށްގެން ހަދާފައިވާ އެއްބަސްވުމެއްކަމުން އެއީ ޓޯޗާކުރުންކަމަށްވެސް ކްރިމިނަލްކޯޓްގެ ނިންމެވުމުގައިވެއެވެ.

ކްރިމިނަލްކޯޓްގެ ޤާޟީ އިސްމާޢީލް ރަޝީދު މި ނިންމެވުމާއި އެކު ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ އެ ނިންމެވުމަށް ފާޑު ވިދާޅުވެ މައްސަލަ ބެއްލެވި ޤާޟީގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށައަޅުއްވާފައެވެ. ޝަމީމް ވިދާޅުވީ ދަޢުވާތައް ބާޠިލްކުރައްވަން ގާޒީ ކުރެއްވި ހުކުމުގައި ދައުލަތުން ހުށަނާޅާ ލިޔުންތަކަކަށް ރިޢާޔަތް ކުރައްވާފައިވާއިރު އެއީ ކޮން ގޮތަކުން ޤާޒީއަށް ލިބިވަޑައިގެންނެވި މަޢުލޫމާތުތަކެއްކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ގައިދީންގެ ބޭސްފަރުވާގެ ކަންކަމަކީ ޕީޖީއާ ބެހޭކަމެއް ނޫންކަމަށް ކްރިމިނަލް ކޯޓުން ނިންމި ޙުކުމުގައިވާކަމަށާ، އެކަމަކީ އެއޮފީހާ ބެހޭ ކަމަކަށްނުވާއިރު ގައިދީންގެ ބޭސްފަރުވާގެ ކަންކަމުގެ މައުލޫމާތު ކޯޓުން ޕީޖީކުރެން ސާފުކުރަނީ ކީއްވެތޯ ޝަމީމް ވަނީ ސުވާލު އުފައްދަވާފައެވެ. ހައިކޯޓުގައި މިމައްސަލަ ބަލަނީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ.