ޚަބަރު

ކޯވިޑް-19 : ރާއްޖޭގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 50 ވުރެ މައްޗަށް


ކޯވިޑް 19 އާއި ގުޅިގެން 50އަށްވުރެ ގިނަ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް 19 ރާއްޖޭގައި ޖެހުނު މީހުންގެ އަދަދު ތިންހާހަށްވުރެ އިތުރުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތައް ނުވަތަ ބަލި ޖެހިފައިތި މީހުންގެ އަދަދަކީ 676 މީހުންނެވެ.

ރާއްޖޭއިން ކޯވިޑް 19 ފެނުނު ފަހުން އެންމެ ގިނަ ބަަޔަކު އެޑްމިޓްކޮށްގެން ބައްޔަށް ފަރުވާދެމުންދާ މިއީ ފުރަތަމަ ފަހަރެވެ. އެޗްއީއޯސީން ވިދާޅުވީ މިވަގުތު ކޯވިޑް19 އާއި ގުޅިގެން އެޑްމިޓްކޮށްގެން 57 މީހުންނަށް ދަނީ ފަރުވާދެމުންނެވެ.

ކޯވިޑާއި ގުޅޭ ފަހުގެ މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު، ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، ކޮވިޑާއި ގުޅިގެން އެޑްމިޓްކޮށްގެން ފަރުވާދެމުންދާ އެންމެންނަށްވެސް މިވަގުތު ފަރުވާދެނީ ހުޅުމާލޭގައި ޤާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައެވެ.

ކޮވިޑާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މިވަގުތު އެއްވެސް މީހަކަށް ފަރުވާދެމުން ނުދާކަމަށް ޑރ.ނަޒްލާ ރަފީޤް ވިދާޅުވިއެވެ. ޑރ.ނަޒްލާ ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާދިން ނަމަވެސް، ކްރިޓިކަލް ބަލިމީހަކު ނެތްކަމަށެވެ.

"ހުޅުމާލެ ފެސިލިޓީގައި މިވަގުތު އެންމެނަށްވެސް ފަރުވާދެނީ، ކްރިޓިކަލް ކޭސްއެއް ނެތް. އެކަމަކު އުމުރުގެ ގޮތުންނާއި، ހައިރިސްކް ބަލިތަށް ތަޙައްމަލްކުރާ މީހުން ތިބީމަ އެޑްމިޓްކޮށްގެން ފަރުވާދެނީ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19 ބަލީގައި ރާއްޖެއިން މިހާތަނަށް 15 މީހުން ވަނީ ނިޔާވެފައެވެ. މީގެެތެރޭގައި މުޅިންވެސް ހިމެނެނީ އުމުރުން ދުވަސްވީ މީހުންނާއި، އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އައި މީހުންނެވެ. އެޑްމިޓްކޮށްގެން ކޯވިޑަށް ފަރުވާދޭންޖެހޭ މީހުން އިތުރުވިނަމަވެސް ބަލި މީހުންނަށް ފަރުވާދޭނެ އިތުރު ފެސިލިޓީތައް ސަރުކާރުން ދަނީ ޤާއިމުކުރަމުންނެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަޙައްދުގައި މިހާރު ވަނީ ކޮވިޑް19 މެޑިކަލް ފެސިލިޓީ ޤާއިމުކޮށްފައެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އަލަށް ޕޮސިޓީވްވާމީހުން ފެސިލިޓީތަކަށް ގެންދިއުން ލަސްވުމާއި ގުޅޭގޮތުން ޑރ.ނަޒްލާ ވަނީ މަޢުލޫމާތުދެއްވާފައެވެ. ޑރ. ނަޒްލާ ވިދާޅުވީ ވޭތުވެދިޔަ ދެ ދުވަހު ޕޮސިޓިވްވި މީހުން ފެސިލިޓީއަށް ގެންދިއުމުގައި ލަސްތަކެއް ހުރިކަމަށެވެ. ނަޒްލާ ވިދާޅުވީ ޕޮސިޓީވްވާ މީހުން ގެންދިއުމަށް އިތުރު ފެސިލިޓީތައް ހަމަޖައްސަމުންދާކަމަށެވެ.

"މިހާރު ނުގެންގޮސްތިބީ އިއްޔެއާއި މިއަދު ޕޮސިޓިވްވި މީހުން. އެމީހުންގެ ގެންދިއުމުގެ މަސައްކަތްވަނީ ފަށާފައި. މިދިޔަ 5 ދުވަހު މޫވްމަންޓްގައި އައި ލަސްތައް ދެން ނާންނާނެ. އެކަން މިހާރު ޙައްލުކުރެވި މަސައްކަތް ދަނީ ކުރިއަށް." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ލޮކްޑައުންއަށް ދިން ލުއިތަކާއިއެކު ކޯވިޑް 19ގެ ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވާންފަށާފައެވެ. އެގޮތުން އިއްޔެވެސް 59މީހުން ބައްޔަށް ޕޮސިޓީވްވެފައިވެއެވެ. ބައްޔަށް ދިވެހިން ޕޮސިޓިވްވާ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.