ވިޔަފާރި

ކާބޯތަކެތީގެ ޙިދުމަތްދޭ ފަރާތްތަކުގެ ހުއްދަ އާކުރުމަށް މުއްދަތެއް ދީފި


ފުރަބަންދާ ގުޅިގެން ކާބޯތަކެތީގެ ޙިދުމަތްދޭ ތަންތަނުގެ ހުއްދަ އާ ނުކުރެވުނު ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުއްދަތައް އާކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފިއެވެ.

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދުގެ ދަށުން ހެލްތް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 1 މަސްކުރިން ހުއްދަ އައު ކުރަންޖެހެއެވެ. ނަމަވެސް ކޯވިޑް 19އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތުކަމަށްވާ 19 މާރިޗް އިން 5 ޖުލައިގެ ނިޔަލަށް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށް، ހުއްދަ އައުކުރުމަށް ފޯމު ހުށަހެޅޭނެގޮތް އޮތީ ނުވެފައެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ، މިމުއްދަތުގެ ތެރޭގައި ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން، ހުއްދަ އައުކުރުމަށް އެދި 15 އޮގަސްޓް ގެ ކުރިން އީމެއިލް ނުވަތަ ފޯމް މެދުވެރިކޮށް ހުށައަޅަންޖެހޭނެކަމަށެވެ.

ކޯވިޑް19އާ ގުޅިގެން ކެފޭ ރެސްޓޯރަންޓްތައް ގިނަ ދުވަސްތަކަކަށް ބަންދުކޮށްފައިހުރުމަށްފަހު މިހާރު ވަކި އުސޫލެއްގެ ދަށުން އެތަންތަނުން ޙިދުމަތް ދިނުމުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލާފައެވެ. އެގޮތުން މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭނެ ގޮތަށް ޙިދުމަތްދިނުމާއި، ތަނަށް ޒިޔާރަތްކުރާފަރާތްތަކާއި ކަސްޓަމަރުން ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ފެންނަގޮތަށް ބަހައްޓަންޖެހެއެވެ.