ވިޔަފާރި

އެމިރޭޓްސް އެއަރލައިނުން ރާއްޖެއަށްކުރާ ދަތުރުތައް އިތުރުކުރަނީ


އެމިރޭޓްސް އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކުރުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.

އެމިރޭޓްސްއިން ރާއްޖެއަށް މިހާރު ހަފްތާއަކު 5 ދަތުރު ބާއްވަމުން އަންނަ އިރު، ރާއްޖެއަށް އޮތް ޑިމާންޑު ރަނގަޅުކަން ފާހަގަކޮށް، އަންނަ މަހުގެ 4 ވަނަ ދުވަހުން ފެށިގެން އެއަރލައިނުން ވަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު 6 އަށް އިތުރުކުރުމަށް ނިންމާފައެވެ.

ރާއްޖޭގެ ބޯޑަރު މިމަހުގެ 15ވަނަ ދުވަހު ހުޅުވާލާފައިވާއިރު، އެމިރޭޓްސް އެއަރލައިންގެ ދަތުރުތައްވަނީ މިމަހުގެ 16ވަނަ ދުވަހު ރާއްޖެއަށް ފަށާފައެވެ. އަދި މިއާއެކު އެއަރލައިނުން ދަނީ ރާއްޖެއަށް ހަފްތާއަކު 5 ދަތުރު ބާއްވަމުންނެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހު ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ.

އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ދުބާއީއާއި ރާއްޖެއާ ދެމެދުއެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެމިރޭޓްސްއިން ފަސިންޖަރުން އަރުވައިގެން ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލިނަމަވެސް މިހާރު އެއަރލައިނުން ދަނީ ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ކުރަމުންނެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލާ ހިސާބުން ފެށިގެން އޯގަސްޓުގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޝެޑިއުލް ފްލައިޓްތަކަށް ބައެއް ހިދުމަތްތައް ހިލޭ ދިނުމަށްވަނީ ނިންމާފައެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ ބައިނަލްއަޤްވާމީ ފްލައިޓްތަކަށް ދެވޭ އެކި ހިދުމަތްތަކުން ނަގާ ފީތަކަށް ވަކި މުއްދަތަކަށް އެކީގައި ކަނޑާލައި، ބޮޑެތި ޑިސްކައުންޓް ދިނުން ހިމެނެއެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި އަލުން ހުޅުވުމަށް ތައްޔާރުވަމުންދާއިރު މިހާރުވެސް އޮޕަރޭޝަންތައް ފެށުމަށް 11 ބައިނަލްއަޤްވާމީ އެއަރލައިނަކުން އެދިފައިވާކަމަށް ސަރުކާރުން މީގެކުރިން މައުލޫމާތުދީފައިވެއެވެ. އަދި މިއަަހަރުގެ ފަހުކޮޅު ރާއްޖެއަށް ދަތުރުކުރާ ބައެއް އެއަރލައިންތަކުން ޝެޑިއުލް ދަތުރުތައް އިތުރުކުރަމުންދާކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.