ޚަބަރު

ކޯވިޑް-19 : "މުވައްޒަފުން އެންޓި-ބޮޑީ ޓެސްޓްހެދުމަކުން ބަލި ފެތުރުން ކޮންޓްރޯލެއް ނުކުރެވޭނެ"


އޮފީސްތަކުގެ މުވައްޒަފުން އެންޓި-ބޮޑީ ޓެސްޓްހެދުމަކީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވޭނެކަމެއް ނޫންކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތް އޮތްގޮތުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، ގިނަ ޢަދަދެއްގެ އޮފީސްތަކާއި އިދާރާތަކުން ކޯވިޑް-19އިން މުއައްޒަފުން ރައްކާތެރިކުރުމަށް މާސް އެންޓި-ބޮޑީ ޓެސްޓް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެހެންނަމަވެސް މިޓެސްޓަކީ ބަލި ޖެހުމަށްފަހު އިންސާނާގެ ގައިގައި ކޮރޯނާ ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރަން އުފެދޭ އެންޓި-ބޮޑީ ހުރިތޯ ބެލުމަށް ހަދާ ޓެސްޓެއްކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ، މި ޓެސްޓް ހަދައި ނެގެޓިވް ވުމަކީ މީހާގެ ގައިގައި ބަލި ނެތްކަން ސާބިތުވާކަމެއް ނޫންކަމަށެވެ. އެގޮތުން އެންޓިބޮޑީ އުފެދުމަށް ވަގުތުނަގާކަމަށާ، ބަލީގެ އެކި ސްޓޭޖްތަކުގައި އުފެދެނީ އެކި ވައްތަރުގެ އެންޓި-ބޮޑީކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

ޑރ.ނަޒްލާ ވަނީ މިހާރު ރާއްޖޭގައި ހަދާ އެންޓި-ބޮޑީ ޓެސްޓުން މިބަލީގެ ސަބަބުން އުފެދޭ ދެ އެންޓި-ބޮޑީ (އައިޖީއެމް، އައިޖީޖީ) ވަކިވަކިން ދެނެ ނުގަނެވޭކަން ފާހަގަކުރައްވައި، މިޓެސްޓުން ބަލިމީހާ ކަޑައްތުކުރަނީ ބަލީގެ ކިތައްވަނަ ސްޓޭޖްކަންވެސް ސާފުނުވާކަމަށެވެ. ބަލި ހުރިތޯ ބެލުމަށް ޕީސީއާރް ޓެސްޓް ހަދަންޖެހޭކަމަށާ، ބަލި ޖެހުންތޯ ބެލުމަށް އެންޓި-ބޮޑީ ޓެސްޓް ހެދުމަކީ ބުއްދިވެރިކަމެއް ނޫންކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

"މި އުފެދެނީ އައިޖީއެމް އެންމެ ފުރަތަމަ. އެވެސް ބަލި ޖެހޭ އިރަކަށް ނުއުފެދޭނެ. ދެން އައިޖީޖީ އުފެދެނީ ބަލީގެ ފަހުކޮޅު. ރާއްޖޭގައި މިހަދާ ޓެސްޓުން ދެ އެންޓްިބޮޑީގެ އަދަދު ވަކިނުކުރެވޭ. ބަލީގެ ކުރީކޮޅު އައިޖީއެމް އިތުރުވާނެ. ފަހުކޮޅު އައިޖީޖީ އިތުރުވާނެ. ބަލިން ރައްކާތެރިވުމަށް ސަލާމަތީ ފިޔަވަޅުތައް އިތުރުކުރަންވީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާވަނީ އޮފީސް މާޙައުލުގައި ބަލި ކޮންޓްރޯލްކުރުމަށް ބަލީގެ ޢަލާމާތެއް ހުރިނަމަ އޮފީހަށް ނައިސް މަޑުކޮށްލުމާއި ވީއެންމެ އަވަހަކަށް ޕީސީއާރް ޓެސްޓް ހެދުމަށް ގޮވާލައްވާފައެވެ. އަދި އޮފީހާއި އޮފީހުން ބޭރުގައިވެސް މާސްކް އަޅައި ސާފުތާހިރުކަމާއި ގައިދުރުކަން ހިފެހެއްޓުމުގެ މުހިންމުކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.