ކޯވިޑް-19އާ ދެކޮޅައަށް މަސައްކަތްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގެ ސިއްޙީ ދާއިރާގެ އިސްސަފުގެ ޙިދުމަތްތެރިންނަށް އެމެރިކާއިން ހަދިޔާކޮއްފިއެވެ.
ސްރީ ލަންކާއާއި ދިވެހިރާއްޖެއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޗީފް އޮފް މިޝަން، މާޓިން ކެލީ ވަނީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައިޅުއްވައިފައި ހުންނަވާ ހައިކޮމިޝަނަރު އުމަރު ރައްޒާގާ ބައްދަލުކުރައްވައި ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރާ، އިސް ސަފުގެ ޚިދުމަތްތެރިންނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓު (ޕީ.ޕީ.އީ) ހަދިހާކުރައްވައިފައެވެ. ޖުމުލަ އަގު 150,000 ޑޮލަރަށް އަރާ މިހިލޭއެހީއަކީ، ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމުގައި އެމެރިކާއިން ގެންގުޅޭ ބައިނަލްއަގުވާމީ އުސޫލު ކަމުގައިވާ " އޯލް އޮފް އެމެރިކާ" ގެ ރަމްޒެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ މާލީ އެހީތެރިކަމުގެ ދަށުން ހަދިޔާކުރި މި އެހީއަކީ ރައްޖެއަށް މިހާތަނަށް އެމެރިކާއިން ހަދިޔާކުރި ތިންވަނަ ޕީޕީއީގެ އެހީއެވެ. ހަމައެއާއެކު އެކުވެރި ދައުލަތްތަކުގެ މެދުގައި ކޯވިޑް-19އާ ދެކޮޅައަށް މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަގްސަދުގައި ދެވުނު މިއެހީއަކީ ފާއިތުވި މަހު ރާއްޖެއަށް ދެވުނު ދެވަނަ ތަކެތީގެ އެހީއެވެ.
މި ތަކެތީގެ އެހީގެ އިތުރުން، އެމެރިކާއިންއަންނަނީ ކޮވިޑް-19 އާއި ގުޅުންހުރި ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭނުންތަކަށް ޚާއްސަކޮށް 2 މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮއްދެމުންނެވެ. މިދާއިރާތަކުގެ ތެރޭގައި ކޯވިޑް-19އާ ގުޅުންހުރި ކަންކަމުގައި އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ކޯވިޑް-19އިން އަރައިގަތުމަށް އެކަށީގެންވާ ސިޔާސަތުތައް ފަރުމާކުރުމަށް ބާރުއެޅުމަށް މަދަނީ ޖަމިއްޔާތަކުން ކުރަމުންދަ މަސައްކަތްތައް ފުޅާކުރުމަށް އެހީތެރިވުމަށާއި ކޯވިޑް-19އިން އަރައިގަތުމަށް އެޅޭނެ އެކަށީގެންވާ އިގްތިސާދީ ފިޔަވަޅުތައް ކަނޑައެޅުމަށް ދިވެހި ސަރުކާރަށް އެހީތެރިވުން ހިމެނެއެވެ.