ޚަބަރު

މާދަމާއިން ފެށިގެން ޕާސްޕޯޓަށް އެދި ހުށަހެޅޭނީ "އިމުގާ" ޕޯޓަލްއިން


މާދަމާއިން ފެށިގެން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅޭނީ މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" މެދުވެރިކޮށް ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އެގޮތުން imuga.immigration.gov.mv ގައި ރަޖިސްޓްރީ ކުރުމުން އެ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް ހުށައެޅޭނެއެވެ. މިޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުޞަތު ހަމަޖެހިފައިވުމުން މާދަމާއިން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަންގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދެވޭ އޮންލައިން ޕޯޓަލް "އިމުގާ" އިފްތިތާހްކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

"އިމުގާ"ގެ ނަމުގައި ތަޢާރަފްކުރި މިޕޯޓަލްއަކީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް ލުއިފަސޭހަކޮށްދިނުމާއި ގާތުން ޚިދުމަތް ދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯޓަލްއެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. މިއޮންލައިން ޕޯޓަލް މެދުވެރިކޮށް އެކިކަހަލަ ވިސާތަކަށްވެސް އެދި ހުށައެޅޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މި ޕޯޓަލްއިން އެންމެ ފުރަތަމަ ލިބޭނެ ޚިދުމަތަކީ ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ކަމަށާއި އިތުރު ޚިދުމަތްތައްވެސް ތަޢާރަފް ކުރަމުންދާނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.