ކުދި ފަންތިއާއި މެދު ފަންތީގެ ވިޔާފަރިތަކަށް ޚާއްސަކޮށް ހުޅުވާލުމަށް ހަމަޖެހިފައިވާ ޝަރީއާ ގަބޫލުކުރާ ފައިނޭންސިން ސްކީމް، "ފަސޭހަ މަދަދު" ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ހުށައަޅަންޖެހޭ ބިޒްނަސް ޕްރޮޕޯސަލްތައް ހެދުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަންނީ އެހީ ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. "ފަސޭހަ މަދަދު" ސްކީމް އިފްތިތާޙް ކޮށްފައިވަނީ މި މަހުގެ 23 ވަނަދުވަހުގެ ރެއެވެ. އަންނަ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލްތައް ހެދުމަށް މުއްދަތެއް ދިނުމަށްފަހު އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު އަށާރައިން އަށާވީހަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. "ފަސޭހަ މަދަދު" ސްކީމާއި ގުޅޭގޮތުން ރޭގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޑިވްލޮޕްމަންޓް ސްޕެޝަލިސްޓް ސާލިޙް ޙުސައިން ވިދާޅުވީ ސްކީމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަން އަތޮޅުތަކުގައި ހުރި ވިޔަފާރި ކުރިއަރުވާ މަރުކަޒުތައް މެދުވެރިކޮށްވެސް ލިބިގެންދާނެ ކަމަށެވެ. ޖުމްލަ 30.8 މިލިއަން ރުފިޔާގެ މި ފައިނޭންސް ސްކީމަށް ފަންޑު ކޮށްފައިވަނީ އިސްލާމިކް ޑިވަލޮޕްމަންޓް ބޭންކުންނެވެ. ފަތުރުވެރިކަމުގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާއާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއަށް ޚާއްސަ މިސްކީމް މެނޭޖް ކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ. މިއީ ބީ.އެމް.އެލުން އިސްލާމިކް ބޭންކިން ތައާރަފްކުރި ފަހުން، އެ ބޭންކުން ބައިވެރިވާ ފުރަތަމަ ޕްރޮޖެކްޓެވެ. ބީ.އެމް.އެލްގެ މެނޭޖަރ އިސްލާމިކް ބޭންކިން، އަހުމަދު ފިރާސް ވިދާޅުވީ ސްކީމްގައި ބައިވެރިވުމަށް އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ބޭންކުގެ ބްރާންޗްތަކުން ކަމަށާއި، ސްކީމްގައި ބާކީ ކުރަންޖެހޭ ހުރިހާ ކަމެއް މެނޭޖްކުރާނީ ބޭންކް އޮފް މޯލްޑިވްސްއިން ކަމަށެވެ. ޝަރީއާ ގަބޫލުކުރާ ފައިނޭންސިން ސްކީމް، ފަސޭހަ މަދަދަށް ލިބޭ ތަރުޙީބަށް ބެލުމަށްފަހު މިފަދަ އިތުރު އިސްލާމިކް ފައިނޭންސިން ސްކީމްތައް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.