ކުޅިވަރު

ރަނގަޅު ނަތީޖާއަކަށް ފަހު ބޮޑު ޓީމަކާ ދެކޮޅަށް ކުޅެން ދަތި: ލަމްޕާޑް


ރަނގަޅު ނަތީޖާ އަކަށް ފަހު ބޮޑު ޓީމަކާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމެއްނޫން ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑު ބުނެފިއެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިންނެވެ. ޗެލްސީ މި މެޗަށް މި ނުކުންނަނީ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކުރުމަށްފަހުއެވެ.

ލަމްޕާޑު ބުނީ މިފަދަ ކޮންމެ ރަނގަޅު ނަތީޖާއަކަށް ފަހު ޓީމަށް އެތައް ގޮތަކުން ރަނގަޅު ކަންތައްތައް ކުރިމަތިވާ ކަމަށާއި ނަމަވެސް ބަލިވެއްޖެނަމަ ހުރިހާކަމެއް ބަދަލުވެގެންދާ ކަމަށެވެ.

"ރަނގަށް ނަތީޖާއަކަށް ފަހު ބޮޑު ޓީމަކާ ދެކޮޅަށް ކުޅެން އުނދަގޫވަނީ މިހެންވެ. ލިވަޕޫލަކީ ޗެމްޕިއަނުން. އަހަރުމެން އެމީހުންނަށް އިހްތިރާމްކުރަން. މި މެޗުން މޮޅުވުމަކީ އަހަރުމެންނަށް ވެސް ލިބޭ ކުރިއެރުމެއް،" ލަމްޕާޑު ބުންޏެވެ.

އޭނާ އަދި ބުނީ މި ސީޒަނުގައި ޗެލްސީގެ އެންމެ ބޮޑު މައްސަލައަކީ ކޮންސިސްޓެންސީ ނެތުން ކަމަށެވެ. ނަމަވެސް މެންޗެސްޓާ ސިޓީ އާއި ޔުނައިޓެޑް އަތުން މޮޅުވުމާއެކު ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް އިތުބާރެއް ލިބިފައިވާ ކަމަށެވެ. މިހެންވެ މި އިތުބާރު ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.