ޚަބަރު

ފަސް ޤައުމަކަށް ކަނޑައަޅާ ސަފީރުންނަށް މަޖިލީހުން ރުހުންދީފި


ބޭރުގެ ފަސް ޤައުމަކަށް ކަނޑައަޅާ މަޖިލީހަށް ފޮނުއްވި 5 ބޭފުޅުން ސަފީރު ކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީން މިފަސް ސަފީރުންނަށް ރުހުން ދެއްވާފައިވަނީ ކޮމިޓީން ގެނައި ބަދަލާއިއެކު، ސަފީރުންނަށް ކަނޑައަޅާ ބޭފުޅުންނާއި އިންޓަރވިއުކުރުމަށް ފަހުގައެވެ.

ރާއްޖެއިން ސަފީރުން ކަނޑައެޅުމަށް ފޮނުވާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ޕާކިސްތާން، އެކުވެރި ޢަރަބި އިމާރާތް، އަދި އިންޑިއާއެވެ. މީގެ އިތުރުން ރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް އަދި ސްވިސް ކޮންފެޑެރޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރު ކަމަށް ކަނޑައަޅާ ސަފީރުގެ ނަންފުޅު ދިރާސާކުރެއްވުމަށްވެސް ވަނީ ފޮނުވާފައެވެ.

ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމަށް ފޮނުވާފައިވާ ބޭފުޅުންނަށް މަޖިލީހުން ވޯޓް ލިބިފައިވާގޮތް:

* ޝިރުޒިމަތު ސަމީރު / ބަންގްލަދޭޝް ސަފީރު ކަމަށް 68 މެމްބަރުންގެ ވޯޓް
* ފަރުޒާނާ ޒާހިރު / ޕާކިސްތާނު ސަފީރު ކަމަށް 70 މެމްބަރުންގެ ވޯޓް
* އާމިނަތު ޝަބީނާ / އެކުވެރި ޢަރަބި އިމާރާތު ސަފީރު ކަމަށް 70 މެމްބަރުންގެ ވޯޓް
* ޑޮކްޓަރ ޙުސައިން ނިޔާޒު / އިންޑިއާ ސަފީރު ކަމަށް، އަދި ނޭޕާލް، ބޫޓާން، އަފްޣާނިސްތާނަށް ކަނޑައަޅާ ނޮން- ރެޒިޑެންޓް
ސަފީރު ކަމަށް، 70 މެމްބަރުންގެ ވޯޓް
* އެމްބެސެޑަރ އެޓް ލާޖް، ޑރ. ޢާޞިމް އަޙްމަދު / ޖެނީވާ އޮފީހުގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް އަދި ސްވިސް
ކޮންފެޑެރޭޝަނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރު ކަމަށް 69 މެމްބަރުންގެ ވޯޓް

ސަފީރުންގެ ގޮތުގައި ބައެއް ބޭފުޅުން އައްޔަން ކުރަނީ، ފޮރިން ސަރވިސްގެ ތެރެއިންނެވެ. ދެން ތިބި ބޭފުޅުން މަގާމަށް ހަމަޖައްސަނީ ސިޔާސީގޮތުންނެވެ. ސަފީރުންނާއި ހެޑް އޮފް މިޝަންގެ ގޮތުގައި ޖުމްލަ 18 ބޭފުޅުން ތިއްބަވާނެ އެވެ. އަލަށް އައްޔަންކުރާ ބޭފުޅުންނާއެކު، އަންހެން ސަފީރުންނާއި ފިރިހެން ސަފީރުންގެ އަދަދު ނުވައަކަށް އަރާނެއެވެ.