ޚަބަރު

ޒާހިދު މަޤާމުން ވަކިކުރުމާއެކީގައި އެޗް.އާރް.ސީއެމް ޤާނޫނީ ހުސްކަމެއްގެ ތެރެއަށް


ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމްގެ ނައިބް ރައީސް މުހައްމަދު ޒާހިދު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާއެކު އެކޮމިޝަން ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ހިނގައްޖެއެވެ.

އެޗްއާރުސީއެމުން ޒާހިދު ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 61 ވޯޓުންނެވެ. ޒާހިދު ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ. އެޗްއާރުސީއެމުން ވަކިކުރުމަށް ކޮމިޓީން ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ އެކޮމިޝަންގެ ނައިބް ރައީސްގެ މަޤާމުގައި ހުންނެވި މުހައްމަދު ޒާހިދުއާއި، ކޮމިޝަންގެ މެމްބަރު މޫސާ އަލީ ކަލޭގެފާނެވެ. މީގެ ތެރެއިން މޫސާ އަލީ ކަލޭގެފާނު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މަޖިލީހުން ވޯޓަށް އަހައި މަޤާމުން ވަކިކޮށްފައިވަނީ ޒާހިދުއެވެ.

ކޮމިޝަނުން ޒާހިދު ވަކިކޮށްފައިވާއިރު، ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި މެމްބަރު އައިޝަތު އަފްރީން ވަނީ މެމްބަރުކަމުން އިސްތިއުފާދެއްވާފައެވެ. 3 މެމްބަރުން އިސްތިއުފާދެއްވައި އެއްމެމްބަރަކު މަޖިލީހުން ވަކިކުރުމުން މިވަގުތު ކޮމިޝަންގައި ހުންނެވި ހަމައެކަނި މެމްބަރަކީ ނައިވީން އަބްދުﷲ އެވެ. އޭނާ ހުންނެވީ މިވަގުތު މެޓަރނިޓީ ލީވްގައެވެ.

އެންއައިސީ އާ ބެހޭ ގޮތުުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން، މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވާލި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލު އޮތުން އެކަށީގެންވާ ކަަމަށް ގަބޫލުކުރުމާ އެކުގައި ވެސް އެ މައްސަލަ ނުބަލާ އޮތް އޮތުމަކީ އެންއައިސީން މެމްބަރުން ވަކިކުރަން ޖެހޭ އެއް ސަބަބެވެ.

މީގެ އިތުރުން ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ދަޢުލަތުގެ ބެލުމުގެ ދަށުގެ ތިބޭ ކުޑަކުދިންގެ ޙާލަތު ބެލުމުގައި ހިއުމަން ރައިޓްސް ކޮމިޝަނުން މަދަނީ ޖަމްޢިއްޔާތަކާއެކު މަސައްކަތްކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި ކޮމިޓީން އެއްކުރި މަޢުލޫމާތުތަކަށް ބަލާއިރު މަދަނީ ޖަމްއިއްޔާތަކާއި އެ ކޮމިޝަނާ ދެމެދު ހަރުދަނާ ގުޅުމެއް އުފެދިފައިނުވާކަން ފާހަގަކުރެވެއެވެ. މަދަނީ ޖަމްޢިއްޔާތަކުން ފާހަގަކޮށްފައިވާ ގޮތުގައި އިންސާނީ ހައްޤުތަކާ ގުޅުން ހުރި ޖަމްޢިއްޔާތަކުގެ މެދުގައި އުފައްދާފައިވާ ނެޓްވޯކުގެ ބައްދަލުވުމެއްވެސް ބޭއްވެނީ އަހަރަކު އެއްފަހަރުކަން އެ ޖަމްޢިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ.

އެ ކޮމިޝަނުން އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި މަސައްކަތް ކުރަންވާނީ އެއްވެސް ފަރާތަކަށް ބުރަވުމެއްނެތި ތަޢައްޞުބުން އެއްކިބާވެ ތިބެގެންކަމަށް ބަޔާންކޮށްފައިވާއިރު، 2015 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ރާއްޖޭގައި ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ބޮޑެތި ކަންކަމާ ގުޅިގެން ކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ކޮމިޓީއަށް މަޢުލޫމާތު ދެއްވި ފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށް ކޮމިޓީ ރިޕޯޓްގައި ވެއެވެ.

މި ކަންކަމާ ގުޅޭގޮތުން އެ ކޮމިޝަނުގެ މުވައްޒަފުން ދީފައިވާ ބަޔާންތަކަށް ބަލާއިރު، އެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގައި ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ބޮޑެތި މައްސަލަތަކުގައި ކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވަނީ އެކިއެކި ސިޔާސީ ނުފޫޒުގެ ސަބަބުންކަމަށް ކޮމިޓީއަށް ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، އިސްވެދެންނެވި މުއްދަތުގައި ދިވެހިރާއްޖޭގައި ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ބޮޑެތި މައްސަލަތަކުގައި އެ ކޮމިޝަނުގެ ރަޢުޔު ނޫސްބަޔާނެއްގެ ގޮތުގައިވެސް ނެރުމަށް އެ ކޮމިޝަނުގެ މެންބަރުން ފަސްޖެހިފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ވެއެވެ.