ވިޔަފާރި

ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ރަޖިސްޓްރީކޮށްފި


ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ރަޖިސްޓްރީކޮށްފިއެވެ.

ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ ރެސްޓޯރަންޓް، ކެފޭ، ހޮޓާ ފަދަ ތަންތަނުގެ ވިޔަފާރި ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޅާވެގެން ދިއުމާއި ގުޅިގެން އެ ސިނާއަތުގެ އަޑު އުފުލުމަށްޓަކައި އުފެއްދި ޖަމުޢިއްޔާއެކެވެ.

ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ރަޖިސްޓްރީކޮށްފައިވާއިރު، އެ ޖަމުޢިއްޔާއިން މިހާރު ވަނީ ރާއްޖޭގައި ހިންގާ ކާބޯތަކެތީގެ ވިޔަފާރިތަކަށާއި އެ ސިނާއަތާ ގުޅުންހުރި ވިޔަފާރިތަކަށް އެ ޖަމުޢިއްޔާގެ މެންބަރުންނަށްވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މެންބަރުންގެ ގޮތުގައި ބައިވެރިވާ ކޮންމެ އާންމު މެންބަރެއްގެ އަތުން އަހަރީ ފީއެއްގެ ގޮތުގައި 600 ރުފިޔާ ނަގާނެއެވެ. އަދި ކޮންމެ ޖަމާއަތް މެންބަރެއްގެ އަހަރީ ފީއެއްގެ ގޮތުގައި 6000 ރުފިޔާ ދައްކަންޖެހޭނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. މެންބަރަކަށް ވުމަށް ބޭނުންވާ ފަރާތްތަކުން 28 ޖުލައިގެ ހަވީރު 4:00 ޖެހުމުގެ ކުރިން އެކަމަށް އެދި ފޯމު ހުށަހަޅަންޖެހޭނެއެވެ.

ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރަކަށްވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ އެސޯސިއޭޝަންގެ މަޤާމުތަކަށް ވާދަކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ރައީސްއާއި، 2 ނައިބުރައީސްއާއި، ސެކްރެޓަރީ، ހަޒާންދާރު އަދި ބޯޑު މެންބަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަގަޅަންޖެހޭނެކަމަށް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެއެވެ.

ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އުފެއްދުމުގެ މަޤްސަދުތަކުގެ ތެރޭގައި ރެސްޓޯރަންޓް، ކެފޭ ހޮޓާ ފަދަ ތަންތަނުގެ ވިޔަފާރި ކުރިއެރުވުމާއި އެ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، މި ދާއިރާއިން މީހުން ބިނާކުރުމަކީވެސް ޖަމުޢިއްޔާގެ މަޤްޞަދެއްކަމަށް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެއެވެ.