ޚަބަރު

ޖޭއެސްސީއަށް ޖަވާބުދާރީވެވަޑައިނުގެން ފަނޑިޔާރު ހަސަން އަލީ މަޤާމުން އިސްތިއުފާދެއްވައިފި


ނޫސްވެރިޔާ އަހުމަދު ރިޟުވާނު ގެއްލުވާލި މައްސަލަ އާއި ގުޅިގެން ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑް ކުރައްވައި، އެމައްސަލައިގައި ޖަވާބުދާރީވެވަޑައިގެންނެވުމަށް އަންގަވާފައި ވަނިކޮށް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެން އޭނާ މަޤާމުން މިހާރު ވަނީ ވަކިވެފައި ކަމަށެވެ.

ފަނޑިޔާރު ހަސަން އަލީގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ، އޭނާ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނެވި ދުވަސްވަރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހުން ގުޅިގެން، ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވަލް ޑޮކިއުމަންޓެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޢަލީގެ މައްޗަށް ތުޙުމަތު ކުރެވޭ ޖިނާއީ ކުށުގެ މައްސަލަ، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" އިން ތަޙްޤީޤު ކުރަމުންދާކަމުގެ މަޢުލޫމާތު އެ ކޮމިޝަނުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެނގުމާއި ގުޅިގެން، 16 ސެޕްޓެންބަރު 2019 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ހަސަން އަލީ ވަނީ ސަސްޕެންޑްކުރައްވާފައެވެ.

މގޮތުން ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑްކޮށްފައި ވަނީ އެ މައްސަލައިގެ ޖިނާއީ ތަހުޤީޤު ނިމި ވަކި ގޮތަކަށް އަންގަންދެން ކަމުގައިވެސް ޖޭއެެސްސީން ވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީގެ ބަޔާނުގައި ވިދާޅުވީ، ފަނޑިޔާރު ހަސަން އަލީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފަނޑިޔާރު ޙަސަން ޢަލީގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް ހިނގާފައިވޭތޯބެލުމަށް ކޮމިޝަނުން ކުރާ ތަޙްޤީޤުގެ މަސައްކަތްތައް ނިންމައި، ފަނޑިޔާރަށް ޖަވާބުދާރީވުމަށް 12 ޖުލައި 2020ވަނަ ދުވަހު ތަހުޤީޤު ރިޕޯޓް ފޮނުއްވިފައިވާ ކަމަށެވެ.

އަދި ޖަވާބުދާރީވުމަށް ޤާނޫނުން ފަނޑިޔާރު ޙަސަން ޢަލީއަށް ލިބިދޭ 7 ދުވަހުގެ މުއްދަތު ހަމަވެ، ފަހު އަޑުއެހުމަށް މިއަދު ހާޟިރުވުމަށް އިއްޔެ އަމުރު ފޮނުވާފައި ވަނިކޮށް މިއަދު އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޙަސަން ޢަލީ އައްޔަނުކުރައްވައި އޭނާ ފަނޑިޔާރުކަމުގެ ހުވާ ކުރައްވާފައި ވަނީ، 18 މާރިޗު 2018 ގައެވެ.