ޚަބަރު

ބިދޭސީން ގިނަވެ ޤައުމީ ސަލާމަތަށް ނުރައްކާވާ ހާލަތަށް


ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ވާހަކައަކީ މީގެ ޒަމާންތަކެއް ކުރީއްސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ. ވޭތުވެދިޔަ ސަރުކާރުތަކުންވެސް މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަދަދު ގިނަވެ މިއަދު މިކަން ޤައުމީ ސަލާމަތަށް ނުރައްކާވާ ހާލަތަކަށް ގޮސްފައިވާއިރު އެމީހުން ރާއްޖެއަށް އެތެރެވެފައިވަނީ ދިވެހިންގެ ތެރެއިން ބަޔަކު މެދުވެރިވެގެންކަމީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ.

ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު ރާއްޖޭގައި މިއަދު ފެންނަން އޮތް ބިދޭސީންގެ އަދަދާއި، އެމީހުންގެ އަމަލުތައް ހުރިގޮތަށްބަލާއިރު މިހާރު ފެންނަމުން ދަނީ އިސްތިއުމާރީ ބާރަކުން ހިފާފައި އޮތް ޤައުމަކުން ފެންނަ ފަދަ މަންޒަރުތަކެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ފަރާތުން ހިންގަމުންދާ ތަފާތު ހަމަނުޖެހުންތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ކަމާގުޅޭ މުއައްސަސާތަކާއިކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ މިއަދު ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށެވެ.

މިޒަމާނަކީ ޤައުމުތަކަށް ކަނޑިޔާ ބަޑި ހިފައިގެން އަރައި އިސްތިއުމާރުކުރުމުގެ ބަދަލުގައި ވަރަށް ރޭވިގެން ޤައުމުތަކުގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރާ ދުވަސްވަރެއްކަން ފާހަގަކުރައްވަމުން ޝަމާލް ވިދާޅުވީ މިއަދު ރާއްޖެއިން ފެނިގެންދަނީ އެ ނުރައްކާތެރި މަންޒަރުކަމަށެވެ. މިގޮތުން އްޖޭގައި އުޅެމުންދާ ބިދޭސީންގެ އަދަދު ރާއްޖޭގެ ޒުވާން އާބާދީއަށްވުރެ މަތިވެ، ދެލައްކަ ފަންސާހާހަށްވުރެ ގިނަ މީހުން އުޅޭކަމީ ނުރައްކާތެރިކަމެއްކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ.

"ދެލައްކަ ފަންސާހާސް މީހުން ބިދޭސީން މިހާރުވެސް ރާއްޖޭގައި އެބައުޅޭ. އޭގެ ތެރެއިން 66،000 މީހުންނަކީ ޤަވާއިދާއި ޚިލާފަށް އުޅޭމީހުން. މިއީ ރާއްޖޭގެ ޒުވާން އާބާދީއަށްވުރެ ބޮޑު އަދަދެއް. މިކަމަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް. މިޒަމާނަކީ އެއްގައުމު އަނެއްގައުމަށް ހަތިޔާރު ހިފައިން އަރާ ޒަމާނެއްނޫން. މިއަދު ރާއްޖެއިން ފެންނަނީ އިސްތިއުމާރީ ބާރަކުން އަރައިގެން ހިންގާ ފަދަ މަންޒަރުތަކެއް. ރާއްޖޭގެ މީހުންނާއި ކައިވެނިކޮށް، ކުށްތަކުގައިވެސް ޝާމިލްވެ މުޒާހަރާކޮށް، ފުލުހުންނާއި ކުރިމަތިލާތަން ފެންނަމުންދަނީ" ޝަމާލް ވިދާޅުވިއެވެ.

މިމައްސަލަ އަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކާބޮޑު މައްސަލައަކަށްވުމުން މައްސަލަ ހައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޝަމާލް ވިދާޅުވިއެވެ. އެގޮތުން ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގައިވެސް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވާހަކަ ދެކެވި މިކަމުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފައިވާކަމަށް ޝަމާލް ވިދާޅުވިއެވެ.

"ޤައުމެއްގެ މިނިވަންކަމަށް ބުރޫއަރާ ހިސާބަށް ޔޫތު ޕޮޕިއުލޭޝަނަށްވުރެ މިމީހުންގެ އާބާދީބޮޑު. މިކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަހަރުތަކެއްވީ އިރުވެސް ނުފެނޭ. މިކަމުގައި ސަލާމަތީ ބާރުތަކުން އެއްބާރުލައިގެން މަސައްކަތް ކުރަންޖެހޭ. ނޭޝަނަލް ސެކިއުރިޓީން ބައްދަލުކޮށް މިހާރުވަނީ މިކަމުގައި އޮތް ނުރައްކާތެރިކަން ހާމަކޮށްފަ. މިކަން ހައްލުކުރުމަށް ކައުންސިލުންވެސް މިހާރުވަނީ މަޝްވަރާ ކުރެވިފަ" ޝަމާލް ވިދާޅުވިއެވެ.

ފަހަކަށް އައިސް ރށާއްޖޭގައި އުޅޭ ބިދޭސީން މުސާރަ ނުދޭކަމަށް ބުނެ ކުރާ މުޒާހަރާތައް ވަނީ އިތުރުވެފައެވެ. އަދި މި މުޒާހަރާތަކުގައި ފުލުހުންނާއި ކުރިމަތިލާ މާރާާމާރީ ހިންގާ ބައެއް ތަންތަނަށައި މުދަލަށް އަންނަނީ ގެއްލުން ދެމުންނެވެ.

ބިދޭސީންގެ މައްސަލަ ގައުމީ ބޮޑު މައްސަލައަކަށް ވެފައިވާއިރު، މިއަހަރުގެ ތެރޭގައި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން 20،000 އަށްވުރެ ގިނަ މީހުން ފޮނުވާލުމަށް އަމާޒު ކަނޑައަޅާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒްއިސްމާއިލް ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް ފަސް ހާހަށްވުރެ ގިނަ ބިދޭސީން ރާޢްޖެއިން ފޮނުވާލާފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މި މަސައްކަތާއެކު މި މައްސަލައަށް އަލިމަގެއް ފެންނަން މިވަނީ ފަށާފައެވެ.