ވިޔަފާރި

40 ކޭޝް އެޖެންޓުންނާއެކު ބީއެމްއެލްގެ ޑިޕޮސިޓް އަދި ޕޭމަންޓް ސަރވިސް ފުޅާކޮށްފި


ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އަދި ބްރާންޗް ނެތް ރަށްރަށުގައި 40 ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެގޮތް ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ބުނީ މި 40 ކޭޝް އެޖެންޓުންނާއެކު އަތޮޅުތެރޭގައި ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ޙިދުމަތް އިތުރަށް ފުޅާވެގެންދާނެކަމަށެވެ. އަދި މި ހިދުމަތާއިއެކު، ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 10 ހާސް ރުފިޔާއާ ހަމައަށް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ލޯނު އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކޭނެއެވެ.

މުޅިރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށްޓަކައި ބޭންކުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. މިއަދާ ހަމައަށް 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ފައިސާ ނެގުމުގެ ހިދުމަތް ދަނީ ފޯރޮކޮށްދެމުންނެވެ. އަދި 40 ރީޓެއިލް ފިހާރަ މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބޭންކުގެ ޕީއޯއެސް ވިއުގަ މެދުވެރިކޮށް ދެވޭ ކޭޝް އެޖެންޓް ހިދުމަތަކީ މުޅިރާއްޖެއަށް ބޭންކިންގ ހިދުމަތްފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ސްޓެރެޓެޖީގެ ދަށުން ކާމިޔާބުކަމާއެކު ހިދުމަތްދެވެމުންދާ މޮޑެލްއެއްކަމަށެވެ.

އޭޓީއެމްއެކޭ އެއްފަދައިން ކަސްޓަމަރުންނަށް ކޭޝް އޭޖެންޓް ހިދުމަތްވެސް ބޭނުންކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކަސްޓަމަރުގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް ފައިސާ ނެގުމާއި، ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތްވެސް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.