ޚަބަރު

ލޮކްޑައުން އަމުރާ ޚިލާފުވި މީހުންނަށް ދައުވާ ނުކުރަން ނިންމައިފި


ކޯވިޑް-19 އާއި ގުޅިގެން ލޮކްޑައުން އަމުރާ ޚިލާފުވެގެން ޝަރުޢީ ކޯޓުތަކަށް ހުށަހެޅި ޖިނާއީ އެންމެހާ ދަޢުވާތައް ކޯޓުން އަނބުރާ ގެންގޮސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރުނު ލޮކްޑައުން އަމުރާ ޚިލާފުވެގެން ދަޢުވާ ކޮށްފައިވާ މައްސަލަތަކާއި އެ އަމުރާ ޚިލާފުވެގެން ދަޢުވާ ކުރުމަށް ފުލުހުން ޕީޖީއަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން ކޯޓަށް ހުށަހެޅި މައްސަލަތައް އަނބުރައި ކޯޓުތަކުން ނަގައި ޕޮލިހަށް ފޮނުވުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ޖިނާއީ ޢަދުލުގެ ނިޒާމުގެ މައިގަނޑު އަސާސަކީ، މީހުންނަށް އަދަބު ދިނުންކަމަށް ނުވާ ގޮތަށް، ވީ ވަރަކުން، އަލަށް ކުށްކުރާ ޙާލަތުގައާއި، ކުށުގެ ޢަމަލުގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ނުލިބޭ ބާވަތުގެ މައްސަލަތަކުގައި، ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަކާ ނުލައި، ޤާނޫނުގައި ކަނޑައަޅާފައިވާ އެހެނިހެން ގޮތްގޮތުން މައްސަލައިގައި ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކޮށް ހިންގުން ކަމަށް އޮންނާތީ، ލޮކްޑައުން އަމުރާ ޚިލާފުވެގެން ކުރި ޖޫރިމަނާގެ ކަންކަން، ހަރުދަނާކަމާއެކު ހަމަ އެގޮތުގައި ތަންފީޒުކުރުން، މިވަގުތަށް ޢާންމު މަޞްލަހަތަށް ބަލާއިރު، ރަނގަޅުކަމަށް ފެންނަކަމަށެވެ.

މި މައްސަލަތަކުގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވި ނިންމެވުން ބިނާކުރައްވާ ކަންތައްތަކުގެ ތެރޭގައި ލޮކްޑައުން އަމުރާ ޚިލާފުވެގެން ފިޔަވަޅު އެޅޭ މީހުންނާމެދު ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމަކީ ދުސްތޫރީ ގޮތުން ލާޒިމުކަމެއްކަމަށްވުމާއި، ލޮކްޑައުން އަމުރާ ޚިލާފުވި މީހުންގެ ތެރޭގައި، އެކި އެކި ސަބަބުތަކާހުރެ، މާލޭގައި ތާށިވެފައިތިބި މީހުން ތިބިއިރު، އެމީހުން ލޮކްޑައުން އަމުރާ ޚިލާފުވާންޖެހުނު މަޤްބޫލު ސަބަބުތަކެއް ހުރިކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރީތީ، އެކަމުގެ މައްޗަށް ބަލައި، ޖިނާއީ ކުށުގެ ރެކޯޑެއް އުފަން ކުރުމުގައި މުޖްތަމަޢުގެ ޢާންމު މަޞްލަޙަތެއް އޮތްކަމަށް ނުފެނުން ހިމެނެއެވެ.

އަދި ކޯވިޑް-19 އާ ގުޅިގެން ދައުލަތާއި ވިޔަފާރިތަކާއި މުޅި ދިވެހިރާއްޖެ ހުއްޓުމަކަށް އައިސް، އެތައް ބައެއްގެ ވަޒީފާ ގެއްލި، ނިކަމެތިވެފައިވާ ދަނޑިވަޅެއްގައި، އެޙާލަތުގެ ތެރެއިން އުފެދިގެންއައި ކަމެއްގައި ޖިނާއީ މައްސަލައެއްގެ ތެރެއިން ކުށުގެ ރެކޯޑެއް އުފަންކުރުމަކީ މިވަގުތަށް މުޖްތަމަޢުގެ ޢާންމު މަޞްލަޙަތު އޮތް ކަމެއް ކަމަށް ނުފެނުމަކީވެސް ދަޢުވާ ނުކުރުމަށް ނިންމެވި ކަމެއް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ޤާނޫނު އަސާސީން ޕީޖީއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން ލޮކްޑައުންގައި ކޯޓްތަކަށް ދައުވާކުރަން ފޮނުވުނު މައްސަލަތަކުގެ ތެރެއިން ލޮކްޑައުން އަމުރާ ޚިލާފުވެގެން ދަޢުވާކޮށް ޝަރުޢީ ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި، މައްސަލަތައް އަނބުރާ ގެންގޮސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަނބުރާ ފޮނުވާލުމަށް ވަނީ ނިންމާފައެވެ. އަދި ލޮކްޑައުން އަމުރާ ޚިލާފުވެގެން ފުލުހުން ތަޙްޤީޤްކޮށް ޕީޖީއަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދަޢުވާ ނުކުރުމަށް ނިންމައި މައްސަލަތައް އަނބުރާ ފޮނުވާލުމުގެ އިތުރުން ލޮކްޑައުން އަމުރާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ތަންފީޒުކޮށް އެފައިސާ ހޯއްދެވުމަށް ދައުލަތުން ކުރަންޖެހޭ ކަންކަން ކުރުމަށް، ދައުލަތުގެ މުއައްސަސާތަކުގައި ދެންނެވުމަށްވެސް ވަނީ ނިންމަވާފައެވެ.

ސަރުކާނު

މަބުނިން މިހެންނޭ ވާނީ. އެގިދާނެތާ