ޚަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގު ހެދުމަށް ބަޔަކާ ހަވާލުކުރަނީ


ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެންމެ ފުރަތަމަ ހަދާ މަގުތައް ހެދުމަށް އަންނަ ހަފްތާ ތެރޭގައި  ބަޔަކާއި ހަވާލުކުރާނެކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯރޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ، މަގު ހަދަން ހަވާލު ކުރާނެ ކުންފުންޏެއް މިހާރު ކަނޑައަޅާފައިވާކަމަށެވެ.އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި ދެވަނަ ފިޔަވަހީގެ ކޮމާރޝަލް މަސައްކަތްތައް ފެށުމަށް ހަދަން ޖެހޭ ސާދަ ނުވަތަ ފަނަރަ ކިލޯމީޓަރުގެ މަގު ހެދުމަށް ހަވާލު ކުރުމަށް ނިންމާފައިވަނީ ބޭރުގެ ކުންފުންޏަކާއެވެ. އެހެން ނަމަވެސް އެއީ ކޮން ގައުމެއްގެ ކުންފުޏެއް ކަމެއް ސައިމަން ވިދާޅެއް ނުވެއެވެ.ސައިމަން ވިދާޅުވީ، ބޭރުގެ ކުންފުންޏަކާއި ހަވާލު ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ،އެހާ ބޮޑު މަގުތަކެއް ހެދުމަށް ފައިނޭންސް ރެއިޒް ކޮށް މަގުތަކާއެކު ފެނާއި ނަރުދަމާ އަދި ކަރަންޓްގެ މަސައްކަތް އަވަހަށް ނިންމާލެވޭނީ ބޭރުގެ ކުންފުންޏަކަށް ކަމަށް ބަލާފައި ކަމަށެވެ. އަދި މަސައްކަތް އެވޯޑް ކުރާ ހިސާބުން މަގުތަކާއެކު، ފެނާ ނަރުދަމާ އަދި ކަރަންޓްގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ސައިމަން ވިދާޅުވިއެވެ.ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް ގާތްގަނޑަކަށް 240 ހެކްޓަރުގެ ބިން ހިއްކުމަށްފަހު މިހާރު ކުރިއަށްދަނީ ފަސްގަނޑު ހިމާޔަތް ކުރުމަށް ހިލަ ޖެހުމުގެ މަސައްކަތެވެ. މީގެ އިތުރުން ކުރޫޒް ޓާރމިނަލް ހެދުމަށް ހިއްކާ ސަރަހައްދު ހިއްކުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރަމުންނެވެ.