ޚަބަރު

ފަލަސްތީނުގެ ހިމާޔަތުގައި ހުށަހެޅި ޤަރާރު ބަލައިގަނެ ކޮމިޓީއަށް


އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއެކު ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާ ޚިލާފް އަނިޔާތައް ކުށްވެރިކޮށް އެއަނިޔާތައް ހުއްޓާލުމަށް ގޮވާލާ ހުށަހެޅި ޤަރާރު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނެއެވެ. ޤަރާރު ބަލައި ގަތުމަށް ފާސްކޮށްފައިވަނީ 67 މެމްބަރުންގެ ވޯޓުންނެވެ. މިބިލް ދިރާސާ ކުރެއްވުމަށް ފޮނުވާފައިވަނީ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށެވެ.

މި ޤަރާރުގައި ބުނެފައިވަނީ 1967 ވަނަ އަހަރު ކަނޑައެޅި ފަލަސްތީނުގެ ސަރަޙައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރާކަމަށެވެ. އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތައް ފޭރިގަނެ އެބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިސްރާއީލު ސުލްޙަވެ ވަކި ދެ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށް މިޤަރާރުގައި ވަނީ ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާއިމެދު ހިންގާ ލާއިންސާނީ ޢަމަލުތައް ހުއްޓުމެއްނެތް ގޮތުގައި ތަކުރާރުވަމުން ދިއުމަކީ އިންސާނީ ކަރާމަތާއި، އިންސާނީ ޝަރަފް ނަގާލުން ކަމަށްވެސް އެޤަރާރުގަިއ ބުނެފައިވެއެވެ. އަދި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ޚިލާފް އަމަލުތަކެއްކަމުން، އެޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލުމަކީ އިސްރާއީލުގެ އަނިޔާވެރި އަމަލުތަށް ހުއްޓުވުމަށް ކުރެވޭނެ މަސައްކަތެއްކަމުގައިވެސް އެ ޤަރާރުގައި ބުނެފައިވެއެވެ.

ރާއްޖެއިން ބައިވެރިވެފައިވާ އެކުވެރި ދަޢުލަތްތަކުގެ ޖަމްޢިއްޔާ (އދ) ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް ބޯނުލަނބާ މައްސަލައިގައި އިސްރާއީލު ޖަވާބުދާރީކުރުވަން ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލުމަކީވެސް މުހިއްމު ކަމެއް ކަމުގައި މިޤަރާރުގައި ވަނީ ބުނެފައެވެ.

ދިވެހިރައްޔިތުންނަކީ އަބަދުވެސް ފަލަސްޠީންގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ލޯބިކުރާ އަދި އަޚްވަންތަ ކަމާއި އުޚުއްވަތްތެރިކަން ދެމެހެއްޓުމަށް ކެނޑިނޭޅި މަސައްކަތްއްކުރާ ބަޔަކަށް ވީހިނދު، މިފަދަ ހިތްދަތި ވަގުތެއްގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން ތިބީ ފަލަސްޠީންގެ އަނިޔާ ލިބެމުންދާ ރައްޔިތުންނާއި އެކުގައިކަން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ހާމަކުރުމަކީ ފަލަސްޠީނުގެ ބިންތައް ފޭރިގަތުން ހުއްޓުވުމާއި، ފަލަސްޠީނުގެ މިނިވަންކަމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ ހައްޤުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތްކުރަމުންދާ ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށް އިތުރު ކުރިއެރުމަކަށް ވެގެންދާނެކަމަށްވެސް މިޤަރާރުގައި ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްޠީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓުވުމަށް ގޮވާލުމާއި، ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކުރުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން މިމައްސަލައާއި ދޭތެރޭ ދެކޭގޮތް ބައިނަލްއަޤްވާމީ މުޖުތަމައަށް ހާމަކުރުމަކީ މިޤަރާރު މަޖިލީހަށް ހުށަހެޅި އެންމެ މުހިންމު މަޤްސަދުކަމަށްވެސް ސައުދު ވިދާޅުވެއެވެ.