ޚަބަރު

ކޮރަޕްޝަނާއި، ޖިންސީފުރައްސާރައިގެ ކުށުގައި މައުސޫމް، ފަޑިޔާރުކަމުން ވަކިކުރަނީ


ކޮރަޕްޝަނާއި، ޖިންސީ ފުރައްސާރައާއި ގުޅިގެން ޖޭއެސްސީން ކުރި ތަޙުޤީޤު ސާބިތުވެ ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމައިފިއެވެ.

ޖޭއެސްސީން އިއްޔެ ބޭއްވެވި ކޮމިޝަންގެ ބައްދަލުވުމުގައި ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމާ ގުޅޭގޮތުން އެކޮމިޝަނުން ތަޙްޤީޤުކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހއ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއެއް ނިންމުމުގައި އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމާއި، އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުޢާމަލާތްތައްވެސް ކޮށްފައިވާކަން ސާބިތުވާކަމަށް ވަނީ ހާމަކުރައްވާފައެވެ.

އަދި އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމަށް މުސާރަ އާއި ޢިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމްގެ ބޭންކް އެކައުންޓަށް ވަދެފައިވާ ގިނަ ޢަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަށާއި އަދި ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް ޢަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާމެދު އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ހިތާފައިވާކަމަށްވެސް ހާމަކުރައްވާފައިވެއެވެ.

އަދި އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމްގެ ފަރާތުން އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ ޢަމަލުތަކެއްކަން ތަޙްޤީޤަށް ސާބިތުވާ ކަމަށާއި އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމުގެ މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު 32 ވަނަ މާއްދާއާއި ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށްވެސް ޖޭއެސްސީން ހާމަކުރައްވާފައިވެއެވެ.