ޚަބަރު

ނައިޖީރިއާގެ ޚާރިޖީ ވަޒީރަށް ކޯވިޑް-19 ޖެހިއްޖެ


ނައިޖީރިއާގެ ޚަރިޖީ ވަޒީރު ޖެފުރީ އޮންޔޭމާއަށް ކޯވިޑް-19 ޖެހިއްޖެއެވެ.

އޮންޔޭމާއަކީ ނައިޖީރިއާގެ ރައީސް މުޙައްމަދު ބުޚާރީގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޯވިޑް-19 ޖެހުނު ފުރަތަމަ ވަޒީރެވެ. އުމުރުފުޅުން 64 އަހަރުގެ އޮންޔޭމާ ވިދާޅުވީ ކަރުތެރޭގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ހުރުމުން ކޯވިޑް-19އަށް ތަހުލީލުކުރެއްވިކަމަށާއި ނަތީޖާއިން ދެއްކީ އޭނާއަށް ކޯވިޑް-19 ޖެހިފައިވާކަމަށެވެ. މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން އޭނާވަނީ ކޯވިޑް-19އަށް ތަހުލީލުކުރައްވާފައިވާކަމަށާއި އޭނާ މިހާރު ހުނެންވީ އެކަހެރިވެވަޑައިގެންކަމަށް އޮންޔޭމާ ވިދާޅުވިއެވެ. ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނައިޖީރިއާގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތައް ބާއްވަނީ ވީޑިއޯ މެދުވެރިކޮށްވެ.

195 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނައިޖީރިއާގައި 36،663 މީހުންނަށް ކޯވިޑް-19 ޖެހި، 789 މީހުންވަނީ މަރުވެފައެވެ.