ޚަބަރު

ކުވައިތުގެ އަމީރުގެ އޮޕަރޭޝަން ކާމިޔާބު


ކުވައިތުގެ ޢަމީރު ޝެއިޚު ޞަބާޙު އަލްއަޙްމަދު އަލްޖާބިރު އަލްޞަބާޙުގެ އޮޕަރޭޝަން ކާމިޔާބުކަމަށް އެ ޤައުމުގެ ޝާޙީ އިދާރާއިން ބުނެފިއެވެ. ނަމަވެސް އެ އޮޕަރޭޝަންގެ ތަފުޞީލެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ޞިއްޙީ ތަހުލީލުތަކެއް ކުރުމަށް އުމުރުފުޅުން 91 އަހަރުގެ އަމީރު ހަސްފަތާލުގައި އެނދުމަތިކޮށްފައިވާކަން ކުވައިތުގެ ސަރުކާރުން ބުނެފައިވަނީ ޖުލައި މަހުގެ 19ވަނަ ދުވަހުއެވެ. ޝައިޚު ޞަބާޙު ހަސްފަތާލުގައި އޮންނަވާ މުއްދަތުގައި ބައެއް ދުސްތޫރީ ޒިންމާތައް ޢަދާކުރެއްވުމަށް ޝާހީ އަމުރެއްގެ ދަށުން ވަލީއަޙުދު ޝައިޚު ނަވާފު އަލްއަޙުމަދު އަލްޖާބިރު އަލްޞަބާޙަށްވަނީ ޙަވާލުކުރައްވައިފައެވެ.

މީގެ ކުރިންވެސް ޝައިޚު ޞަބާޙުވަނީ ޞިއްޙީ އެކި މައްސަލަތަކަށް ފަރުވާ ހޯއްދަވާފައެވެ. 2006ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުވައިތުގެ ވެރިކަމާ ޙަވާލުވެވައިގެންނެވި އަމީރު ޝެއިޚް ޞަބާޙުގެ ހިތުގެ ހިނގުން ރަނގަޅުކުރުމަށް 2000ވަނަ އަހަރުން ފެށިގެން ޕޭސްމޭކަރެއް ބޭނުންކުރައްވައެވެ. އަދި 2007ވަނަ އަހަރު އެމެރިކާގައި ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަނެއްވެސް އޭނާވަނީ ކުރައްވާފައެވެ. އޭގެ ފަހުން ޞިއްޙީ މައްސަލައެއް ދިމާވުމުން 2019ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އޭނާވަނީ ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ.

ޝައިޚު ޞަބާޙުގެ އިތުރުން ޞިއްޙީ މައްސަލައެއްގެ ސަބަބުން ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު، އުމުރުފުޅުން 84 އަހަރުފުޅުގެ ސަލްމާން ބިން ޢަބްދުލް ޢަޒީޒު އާލްސަޢުދުވަނީ ވެރިރަށް ރިޔާޟުގެ ހަސްފަތާލެއްގައި އެނދުމަތިކޮށްފިއެވެ.