ޚަބަރު

އަދީބުގެ މިނިވަންވި މައްސަލައިގެ އިސްތިއުނާފު ބަލައިގެންފި


ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދަައުލަތުން އުފުލު ދައުވާތައް ބާތިލުކޮށް އޭނާ މިނިވަންވި މައްސަލަގައި ޕީޖީ އޮފީހުން ހައިކޯޓަށް ހުށައެޅު މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ބާތިލުކޮށް ކުރިމިނަލްކޯޓުން ބޭރުކޮށްލީ މިދިޔަ އަންގާރަދުވަހުއެވެ. ކޯޓުން އެ މައްސަލަ ބޭރުކޮށްލާފައިވަނީ ތަހުގީގުގެ ތެރެއިން ކުށަށް އިއުތިރާފުވުމާއި ގުޅޭގޮތުން އަދީބާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމަކީ ޤާނޫނު އަސާސީއާއި ހިލާފް އެއްބަސްވުމެއްކަމަށް ނިންމުމަށްފަހުއެވެ. އެ ނިންމެވުމުގައި ވަނީ އަދީބަށް ބޭސްފަރުވާގެ ޝަރުތުކޮށް ކުށަށް އިއުތިރާފުވުމުން މަޖުބޫރުކޮށް އެއްބަސްވުން ހެދުމަކީ ޓޯޗާކުރުންކަމަށެވެ. އަދި އެ ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތު ހަމަވި ފަހުން ކުރި ދައުވާތަކެއްކަމަށްވެސް ދަށު ކޯޓުްގެ ނިންމުމުގައިވެއެވެ.

ކްރިމިނަލްކޯޓްގެ ޤާޟީ އިސްމާޢީލް ރަޝީދު މި ނިންމެވުމާއި އެކު ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ އެ ނިންމެވުމަށް ފާޑު ވިދާޅުވެ މައްސަލަ ބެއްލެވި ޤާޟީގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށައަޅުއްވާފައެވެ. ޝަމީމް ވިދާޅުވީ ދަޢުވާތައް ބާޠިލްކުރައްވަން ގާޒީ ކުރެއްވި ހުކުމުގައި ދައުލަތުން ހުށަނާޅާ ލިޔުންތަކަކަށް ރިޢާޔަތް ކުރައްވާފައިވާއިރު އެއީ ކޮން ގޮތަކުން ޤާޒީއަށް ލިބިވަޑައިގެންނެވި މަޢުލޫމާތުތަކެއްކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ގައިދީންގެ ބޭސްފަރުވާގެ ކަންކަމަކީ ޕީޖީއާ ބެހޭކަމެއް ނޫންކަމަށް ކްރިމިނަލް ކޯޓުން ނިންމި ޙުކުމުގައިވާކަމަށާ، އެކަމަކީ އެއޮފީހާ ބެހޭ ކަމަކަށްނުވާއިރު ގައިދީންގެ ބޭސްފަރުވާގެ ކަންކަމުގެ މައުލޫމާތު ކޯޓުން ޕީޖީކުރެން ސާފުކުރަނީ ކީއްވެތޯ ޝަމީމް ވަނީ ސުވާލު އުފައްދަވާފައެވެ.

ޖޭއެސްސީން ވަނީ މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު، 2 މަސްދުވަހަށް ސަސްޕެންޑްކޮށްފައެވެ. ޖޭއެސްސީން ވިދާޅުވީ ޤާޟީ އިސްމާޢީލް ރަޝީދު ސަސްޕެންޑްކުރީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް އޭނާ ޢަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެކޮމިޝަނުން ތަޙްޤީޤުކުރަމުންދާތީކަމަށެވެ.

މި ފިޔަވަޅު އެޅުއްވީ، އެމައްސަލައިގެ ބާވަތަށާއި، އެމައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ހެއްކަށާއި، މި މައްސަލަ ތަޙުޤީޤުކުރާއިރު ޤާޟީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަޙުޤީޤުކުރުމަށް އެޅިދާނެ ހުރަހަށާއި ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށްކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.