ޚަބަރު

ރާއްޖޭގެ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަކީ ފުރިހަމަ ފިޔަވަޅުތަކެއް އެކަށަ އަޅާފައިވާ ޤާނޫނެއް - ޔޫއެންއޯޑީސީ


މިދޔަ އަހަރު ތަސްދީޤްކުރި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަކީ، ކުށުގު މާޙައުލަށް ހުށަހެޅޭ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގައި ފުރިހަމަ ފިޔަވަޅުތަކެއް އެކަށަ އަޅާފައިވާ ޤާނޫނެއް ކަމަށް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް، ޔޫއެންއޯޑީސީން ވިދާޅުވެއްޖެއެވެ.

ޔޫއެންއޯޑީސީން މިފަދައިން ވިދާޅުވީ، އެ ޖަމްޢިއްޔާއިން ރާއްޖޭގައި ކުޑަކުދިންގެ އަދުލުގެ ނިޒާމު ހިނގާގޮތް ބެލުމަށްފަހު އާންމުކުރި ޕްރިލިމިނަރީ ހޯދުންތަކުންނެވެ.

ޔޫއެންއޯޑީސީގެ ޓުވީޓް

ދިވެހިރާއްޖޭގެ ދަޢުވަތަކަށް ޔޫއެންއޯޑީސީން ތައްޔާރުކުރި މިހޯދުންތަކުން މިދިޔަ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތަސްދީޤްކުރެއްވި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަކީ ކުޑަކުދިންގެ ހައްޤުތައް ދިފާޢުކުރުމުގައި ދިވެހިރާއްޖެއިން ހޯދި ބޮޑު ކާމިޔާބީއެއްކަން ވަނީ ފާހަގަކޮށްފައެވެ. މި ހޯދުންތަކުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ހުރި ކަންކަމާއި، ޢަދުލުގެ ނިޒާމާއި، ތަންފީޒީ މަރުކަޒުތަކުން އަމަލުކުރާގޮތާއި، މި ނިޒާމު ފުރިހަމަކުރުމަށް އެކަށައަޅަންވީ ބައެއް ކަންކަން ފާހަގަކޮށްފައިވެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަކީ، ކުށުގު މާޙައުލަށް ހުށަހެޅޭ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގައި ފުރިހަމަ ފިޔަވަޅުތަކެއް އެކަށަ އަޅާފައިވާ ޤާނޫނެއްކަމަށާއި، މި ޤާނޫނުގައި އެކަށައަޅާފައިވާ ކަންކަން ތަންފީޒުކުރެވިއްޖެނަމަ ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއް ދިވެހިރާއްޖޭގައި ޤާއިމުކުރެވޭނެކަންވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި ޤާނޫގެ ދަށުން އެކުލަވާލާފައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓުން މިވަގުތުވެސް އެދެވޭ މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ޔޫއެންއޯޑީސީގެ ތަޖުރިބާކާރުން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދައްކައިދޭ ދިރާސާއެއް ނެތްނަމަވެސް، ރާއްޖޭގެ ކަމާބެހޭ މުޢައްސަސާތަކުން މިކަންކަން ކުރަމުންދާ ގޮތަށް ޔޫއެންއޯޑީސީގެ ތަޖުރިބާކާރުން ތަޢުރީފްކުރެއްވިއެވެ. އެގޮތުން މި މުއައްސަސާތައް ގުޅިގެން މިފަދަ ކަންކަމުގެ ތަފާސްހިސާބު ބަލަހައްޓާއިރު، ޖޭޖޭޔޫއިން އެކަނިވެސް މިފަދަ ވަކި ޑޭޓާ ބޭސްއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރާކަން އެޓީމުން ފާހަގަކުރިއެވެ. މި މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މިދާއިރާގެ ނެޝަނަލް ރޯލް އައުޓް ޕްލޭނެއް ތައްޔާރުކޮށް ކޮންމެ މުއައްސަސާއަކުން އަމަލުކުރަންވީ އިޙްތިޞާޞް ސާފުވެ މަސައްކަތް އަވަސްކުރަންޖެހޭކަމަށް ޔޫއެންއޯޑީސީގެ ތަޖުރިބާކާރުން ވިދާޅުވިއެވެ. އެގޮތުން ދާއިރާގެ ތަޖުރިބާކާރުންގެ ގޮތުގައި ހަރަކާތްތެރިވާ ނަފްސާނީ އެހީދޭ ފަރާތްތަކާއި ތަމްރީން ލިބިފައިވާ ސޯޝަލް ވޯކަރުން ރާއްޖޭގައި މަދު އިރު މިކަމަށް އިސްކަންދީ ރިހެބިލިޓޭޝަން ޕްރޮގްރާމް އިތުރުކުރުމަށް ވަނީ ގޮވާލައްވާފައެވެ.

ޔޫއެންއޯޑީސީގެ ޓުވީޓް

މިކަންކަން ޔޫއެންއޯޑީސީގެ ތަޖުރިބާކާރުން ހިއްސާކުރީ، ޓެކްނިކަލް އެސިސްޓަންސް ނީޑްސް އެސެސްމެންޓް އިން ދި އޭރިއާ އޮފް ޖުވެނައިލް ޖަސްޓިސް ފޯ ޗިލްޑްރަންގެ ހޯދުންތައް ހުށަހެޅުމަށް ބޭއްވި ވަރޗުއަލް ބައްދަލުވުމުގައެވެ. މިއަދުގެ މި ބައްދަލުވުމުގައި. ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ދާއިރާގައި މަސައްކަތްކުރައްވާ ސާޅީހަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.