ކުޅިވަރު

ޑެހެއާގެ ގޯސްތަކުން ޗެލްސީ ފައިނަލަށް


ކީޕަރު ޑޭވިޑް ޑެހެއާ ހެދި ގޯސްތަކާއެކު މެންޗެސްޓާ ޔުނައިޓެޑް 3-1 އިން ބަލިކޮށް އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ދެ ގޯލު ވަނީ ޔުނައިޓެޑްގެ ކީޕަރު ޑެހެއާގެ އަތުގައި ޖެހިފައެވެ. ތިން ވަނަ ގޯލަކީ ޔުނައިޓެޑްގެ ކެޕްޓަން ހެގީ މެގުއާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ޖެހީ، މެޗު ނިމެން ތިން މިނިޓަވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ބުރޫނޯ ފެނާންޑޭޒްއެވެ.

ފައިނަލުގައި ޗެލްސީ ބައްދަލުކުރާނީ މެންޗެސްޓާ ސިޓީ ބަލިކޮށް ފައިނަލަށް ދަތުރުކުރި އާސެނަލްއާއެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑު ބުނީ، އޭނާގެ ކުޅުންތެރިން ގާތުގައި މެޗުގައި އިތުރަށް ރަނގަޅުކުރަންވީ ކަމެއް ބުނެދޭނެ ނުޖެހޭވަރަށް ޓީމު މޮޅަށް ކުޅުނު ކަމަށެވެ.
"އެމީހުން ސިސްޓަމް ބަދަލުކޮށްލީމަ އަހަރުމެން އަދި މާމޮޅަށް ކުޅުނު. މި މެޗުގައި ކުޅުންތެރިންގެ މަސައްކަތަށް ހަމަ ސާބަސް،" ލަމްޕާޑު ބުންޏެވެ.

އޭނާ ބުނީ ފައިނަލުގައި އާސެނަލް ބަލިކުރުމަކީ، އުނދަގޫ ކަމަކަށްވާނެ ކަމަށާއި، ނަމަވެސް މި ސީޒަނުގައި އާސެނަލްއާ ދެކޮޅަށް ތިން ވަނަ މެޗެއް ކުޅެން ޖެހުމުން ނަތީޖާ ނެރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.