ސިއްހަތު

ސިއްޙީ ޚިދުމަތުގެ ބިލް ފާސްކޮށްފި


ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް، ސިއްޙީ ޚިދުމަތް ދިނުމުގެ ގައުމީ ނިޒާމެއް ގާއިމުކުރުމުގެ ބޭނުމުގައި ހުށައަޅާފައިވާ ސިއްޙީ ޚިދުމަތްދިނުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިއަދުގެ ޖަލްސާގައި މިބިލް ފާސްވީ 47 މެމްބަރުންގެ ވޯޓުންނެވެ. ސަރުކާރުގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށައަޅުއްވާފައިވާ ސިއްހީ ޚިދުމަތްދިނުމުގެ ބިލަކީ،  ސިއްހީ ޚިދުމަތުގެ ‏‏ފެންވަރު ހިފެހެއްޓުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމާއި، ސިއްހީ ޚިދުމަތްދޭ ‏‏ތަންތަނާއި އެތަންތާންގައި މަސައްކަތްކުރާ ފަރާތްތަކުން ޚިދުމަތްދިނުމުގައި އަމަލުކުރަންޖެހޭ ‏‏އުސޫލުތަކާއި، އެ ފަރާތްތަކުގެ ‏‏ޒިންމާތައް ބަޔާންކުރުމާއި، އެނޫނަސް ސިއްޙީ ޚިދުމަތް ދިނުމާބެހޭ ކަންކަން ކަނޑައެޅުމަށް ހުށައަޅާފައިވާ ބިލެކެވެ. މި ބިލުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެންމެ ދަށްވެގެން އަސާސީ ސިއްހީ ޚިދުމަތްލިބޭނެ އިންތިޒާމް ޤާއިމްކުރަންޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި ކޮންމެ އަތޮޅެއްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއް ހުންނަންވާނެކަމަށްވެސް ބުނެފައިވެއެވެ. ބިލުގައި ބުނެފައި ވަނީ ސިއްހީ ހިދުމަތްދޭ ތަންތަނަށް ސިއްހީ ހިދުމަތް ދިނުމުގެ ލައިސަންސް ދެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. މިބިލަށް ޖުމްލަކޮށް ހުރިހާ މެމްބަރުންވެސް ތާއީދުކޮށްފައިވެއެވެ.މި ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދު ތަކުގެ ތެރޭގައި ސިއްޙީ ޚިދުމަތްދިނުމުގެ ގައުމީ ނިޒާމެއް ގާއިމުކުރުމާއި، ދިވެހިރާއްޖޭގައި ސިއްޙީ ޚިިދުމަތްދޭ ފަރާތްތަކުން ޚިދުމަތްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކަށައަޅުން ހިމެނެއެވެ. އަދި ‏‏ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރާ ‏‏ތަންތަނާއި، ޚިދުމަތްތަކާއި، ވަސީލަތްތަކާއި، ފަސޭހަތައް، ދެމެހެއްޓެނިވި އުސޫލަކުން ހިންގުންމާއި، ‏‏ދައުލަތުން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތަކީ އެންމެންނަށް ވާސިލްވެވޭނެ ރައްކާތެރި ފެންވަރު ‏‏ރަނގަޅު ޚިދުމަތަކަށް ހެދުންވެސް ހިމެނެއެވެ.