ޚަބަރު

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަތޮޅުތަކުގެ ރަށްތަކަކީ "ސޭފް ހެވަން"އެއް: ހަނަފީ


ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް ހަރުދަނާކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަހުމަދު ހުސައިން ގޮވާލައްވައިފިއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަހުމަދު ހުސައިން ކުރެއްވި ޓްވީޓުގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އާއި ގުޅޭގޮތުން ވިދާޅުވީ އެފަދަ ބިދޭސީންނަށް އަތޮޅުތަކުގެ ރަށްތަކަކީ "ސޭފް ހެވަން"އެއްކަމަށެވެެ. ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އޮޅުވާލައިގެން އަތޮޅުތަކަށް ގޮސް މަސައްކަތް ހޯދުމަކީ މިހާރު ގިނަ ބިދޭސީންތަކެއް ކުރަމުން އަންނަ ކަމެކެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވީ މި ސަޤާފަތް ނައްތާލުމަށްޓަކައި ކައުސިލްތަކުގެ ދައުރު ފުޅާކޮށް މިހާރަށްވުރެ ހަރުދަނާކުރަން ގޮވާލާކަމަށެވެ. މިހާރުވެސް ބައެއް ކައުންސިލްތައް އަމިއްލަ އިސްނެގެވުމުގެ މަތިން މިފަދަ މަސައްކަތްކުރަމުންދާތީ، އޭނާވަނީ އެކަމަށް ހިތްވަރުދެއްވާފައެވެ..

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެއް ރަށުން އަނެއްރަށަށް ދަތުރުކުރުން މޮނިޓަރކޮށް އެކަން އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން އިމިގްރޭޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ދެމެދުވެސްވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންކަން ބަލެހެއްޓުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް އިމިގްރޭޝަނުންނެވެ. މާލޭގެ އިތުރަށް އަތޮޅުތަކުގެ ރަށްތަކުގައިވެސް ޤަވައިދާ ޚިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އެކި މަސައްކަތްތަކުގައި ގޮސް ދިރިއުޅެއެވެ. މިފަދަ މީހުން ދެނެ ގަނެ، އެމީހުންގެ އެޅޭ ނޫޅޭގޮތް މޮނިޓަރ ކުރުމާއި ގުޅޭ މަސައްކަތްތަކެއް މިހާރުވެސް އިމިގްރޭޝަނުން ރަށްރަށުގެ ކައުންސިލާއި ގުޅިގެން ކުރަމުންދެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާއި ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންސް އިބްރާޙިމް އަޝްރަފް ބައިވެރިވަޑައިގެންނެވި ބައްދަލުވުމުގައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އެހީގައި ބިދޭސީންގ ދަތުރުކުރާ ރަށްތަކުގެ މަޢުލޫމާތު ރެކޯޑް ބެލެހެއްޓޭނި ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ގަވައިދާ ޚިލާފައި އުޅޭ ބިދޭސީން މުދާ އުފުލާ ބޯޓުތަކާއި، އަދި މަޢުލޫމާތު އޮޅުވާލައިގެން ރަށްރަށަށް އަރާ، އެމީހުންގެ މަޢުލޫމާތު އޮޅުވާލައިގެން ރަށްތަކުގައި އުޅެމުންދާކަމަށް މި ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ. މިކަން ހުއްޓުވައި ރަށްރަށަށް އެކި މަސައްކަތުގައިދާ ބިދޭސީންނަކީ ގަވައިދާ އެއްގޮތަށް، ހުއްދަތަށް ނަގައިގެން ދާ ބިދޭސީންކަން ޔަގީންކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި ކޮންމެ ރަށެއްގައިވެސް އެރަށެއްގައި މަސައްކަތް ކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމާއި، އަދި އެމީހުން އެހެން ތަންތަނަށް ދަތުރުކުރާނަމަ އެކަން ލިޔެކިޔުމުން ފެންނާނެގޮތަށް ވަކި ސިސްޓަމެއްގެ ތެރެއިން ބެލޭނެގޮތް ހަމަޖެއްސުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ރަށްރަށު ކައުންސިލާއި ގުޅިގެން އިމިގްރޭޝަނުން ދަނީ އެރަށްތަކުގައި ނުގަވައިދުން އުޅޭ ބިދޭސީން ދެނެގަނެ މާލެ ގެނެސް ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ބައެއް ރަށްތަކުގައި ނުގަވައިދުން އުޅެމުންދިޔަ ބިދޭސީންތަކެއް ވަނީ ގެނެސްފައެވެ.

މިހާރުވެސް ރާއްޖޭގައި ވިސާއާއި ލިޔެކިޔުންތަށް ހަމަނުކޮށް އުޅޭ 60،000 އަށްވުރެ ގިނަ ބިދޭސީން އުޅޭކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.