ޚަބަރު

"ނަޝީދާ ގުޅޭގޮތުން ޤައުމުތަކުން ދައްކާވާހަކަ ބަލައެއް ނުގަންނަން"


13 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑޮކްޓަރުގެ ލަފަޔާގުޅިގެން 8 ހަފްތާއަށް ގޭބަންދަށް ބަދަލުކުރުމަށްފަހު އަލުން ޖަލަށް ބަދަލުކުރުމުން، ބޭރުގެ ބައެއް ޤައުމުތަކުން އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދާ ދިއުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. މިއަދު ފޮރިން މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ ރައީސް ނަޝީދުގެ ހުކުމުގެ ބާކީ ބައި ގޭބަންދަށް ބަދަލުކުރުމަށް ނިންމާފައި ނުވާނެކަމަށާއި، އެފަދަ ނިންމެވުމެއް ނިންމެވިކަމުގެ މައުލޫމާތުވެސް ސަރުކާރުގެ އެއްވެސް ވުޒާރާއަކުން އެއްވެސް ފަރާތަކަށް ދީފައި ނުވާނެކަމަށެވެ. އެހެންނަމަވެސް މީޑިއާގައި ފެތުރުނު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް، ސަރުކާރުގެ ރަސްމީ ފަރާތެއްގެ ބަހެއް ހޯދުމެއް ނެތި، ބޭރުގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ގެންދިއުމަކީ ޒިންމާދާރުކަން ކުޑަކަމެއްކަމުގައި ދެކެވަޑައިގަންނަވާކަމަށާއި، މިމައްސަލައިގެ އަސްލު މައުލޫމާތު ބޭރުގެ ޤައުމުތަކާ ހިއްސާކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަދެ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ބާރުއެޅުމުގެ ބަދަލުގައި ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ބައެއް ޤައުމުތަކުން މަސައްކަތް ކުރަމުންދާ ދިއުން ބަލައިނުގަނެވޭނެކަމަށެވެ. އަދި ރާއްޖޭގައި ޤާނޫނުގެ ވެރިކަން ސަރުކާރުން ޤާއިމު ކުރާނެކަމަށާއި، ޤާނޫނީ ނިޒާމުގެ ބޭރުން ވަކިފަރާތަކާ މެދު ވަކިގޮތަކަށް އަމަލުކުރުމަށް ގޮވާލާ ގޮވާލުންތަކަށް އިޖާބަ ނުދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ."ތިބޭފުޅުން (ބޭރުޤައުމުތަކުން) ޑިމޮކްރަސީގެ ވާހަކަ ދައްކަވާފަ، ރޫލް އޮފް ލޯގެ (ޤާނޫނުގެ ވެރިކަމުގެ) ވާހަކަދައްކަވާފަ، ދެނެއް ވިދާޅެއް ނުވެވޭނެ ވަކި މީހަކަށްޓަކައި ރޫލް އޮފް ލޯ އެއްކިބާކުރާށެކޭ، މިވެނި މީހަކަށް މިވެނި ގޮތަކަށް ކަންތަށް ކުރާށެކޭ، މިވެނި މީހަކު ދޫކޮށްލާށެކޭ" - ދުންޔާ ވިދާޅުވިއެވެ. ރައީސް ނަޝީދު އަނބުރާ ޖަލަށް ބަދަލުކުރުމާއެކު މިހާތަނަށް ރަސްމީކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާ ޤައުމުތަކަކީ އެމެރިކާ އަދި އިނގިރޭސިވިލާތެވެ.