ޚަބަރު

ބޭރުން ކިޔަވާ ދަރިވަރުންވެސް ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް ރައީސް ގޮވާލައްވައިފި

ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ޙާސިލުކުރާ ދަރިވަރުންވެސް، ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މަތީ ސާނަވީ އިމްތިޙާނުތަކުން، އެންމެ މަތީ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާދެއްވާ ސްކޮލަރޝިޕް ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި ސްކޯލާޝިޕް ޙާސިލުކުރި ދަރުވަރުނާއި މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތަޢުލީމީ ގޮތުން މަތީ ވަނަތައް ޙާޞިލުކުރާ ދަރިވަރުންނަށް މިފަދަ ސްކޮލަރޝިޕްތައް ދައުލަތުން ދެނީ ވަރަށް މަތިވެރި މަޤްޞަދެއްގައިކަމަށް ވިދާޅުވެފައެވެ. އެއީ ޒިންމާދާރުކަމާއެކު ޤައުމު ބިނާކޮށް އާރާސްތު ކުރުމުގެ މަސްއޫލިއްޔަތާ ޙަވާލުވާނެ، އުފެއްދުންތެރި ޢިލްމީ ދަރިންތަކެއް ބިނާކުރުމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަށްޓަކައި ދައުލަތުގެ ފަރާތުން ވަރަށް ބޮޑެތި ހޭދަތަކެއް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ހުރި މަތީ ތަޢުލީމް ދޭ މުއައްސަސާތަކުން، ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް، ދައުލަތުގެ ޚަރަދުގައި އެކަން ކުރެވޭނެގޮތް ސަރުކާރުން ހަމަޖެއްސީ މިދިޔަ އަހަރު. އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް، މިހާތަނަށް 6250 ދަރިވަރަކަށް، 130 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވޭ. ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ޙާޞިލުކުރަން ދޫކުރާ ލޯނު އެހީގެ ދަށުން، މިހާރުވެސް ތަފާތު 24 ޤައުމެއްގައި 1480 ދިވެހި ދަރިވަރަކު، މަތީ ތަޢުލީމުގެ ތަފާތު ޕްރޮގްރާމްތައް ފުރިހަމަކުރަމުން އެބަ ގެންދޭ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގެ ދަށުން، ތަފާތު 7 ޤައުމެއްގައި 54 ދަރިވަރަކު ތަފާތު ޕްރޮގްރާމްތައް އެބަ ފުރިހަމަކުރޭ. އަދި ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން، ތަފާތު 7 ޤައުމެއްގައި މިހާރުވެސް 117 ދަރިވަރަކު ކިޔަވަމުން އެބަގެންދޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިހާރުވެސް ދިވެހި އެތައް ހާސް ދަރިވަރުންނެއް، ދުނިޔޭގެ އެކި ޤައުމުތަކުގައި މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ފުރިހަމަކުރަމުން އަންކަން ފާހަގަކުރައްވާ ވިދާޅުވީ، އެ ހުރިހާ ދަރިވަރުންވެސް، ކިޔަވަމުން ދަނީ ރާއްޖެއަށް ބޭނުންތެރި،މުހިންމު ދާއިރާތަކަކުންކަމަށެވެ. ރައީސް ވިދާޅުވީ، ޤައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްޤީވެ ކުރިއަރައިގެންދާ އެއްޗެއް ނޫންކަމަށާއި، އަމިއްލައަށް އާރާސްތުވެ ބިނާވެގެންދާ އެއްޗެއްވެސް ނޫންކަމަށެވެ. ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަކީ، އެ ޤައުމެއްގެ ރައްޔިތުންގެ ސިކުނޑީގައި އުފަންވެގެން އަންނަ އީޖާދީ ފިކުރުތަކެއްގެ ނަތީޖާކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ، ދިވެހި ދަރީންގެ ސިކުނޑިތަކުގައި އީޖާދީ ވިސްނުން އާލާކޮށް ފައްކާކުރެވޭ ވަރަށް، ދިވެހި ދަރިންނަށް ޢިލްމު ހޯދައިދޭންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތިޔަ ދަރިވަރުންވެސް، މަތީ ތަޢުލީމް ޙާޞިލުކުރަން ތިޔަ ނުކުންނަނީ، ތިޔަ ދަރިވަރުންގެވެސް އުންމީދުތަކަކާއި، ޙާޞިލުކުރަން ބޭނުންވާ މަޤްޞަދެއް އޮތީމަ. ހަމައެފަދައިން، ތިޔަ ދަރިވަރުންގެ މައިމީހާ، އާދެ މި ލޮބުވެތި ވަޠަން، ތިޔަ ދަރިވަރުންގެ ފަރާތުން ކުރާ އުންމީދުތަކެއްވެސް އެބަހުރި. އެއީ ޤައުމަށް ވަފާތެރި، ތެދުވެރި އަދި އިޚްލާޞްތެރިކަމާއެކު ޤައުމަށް ޚިދުމަތްކުރާނެ ދަރިންތަކެއް ކަމުގައިވުން. ވަކިން ޚާއްޞަކޮށް މިދުވަސްވަރު، އެފަދަ ދަރިންތަކަކަށް ރާއްޖެ އެބަ ބޭނުންވޭ. ރާއްޖޭގެ ޙަޔާތުގައިވެސް، އަޅުގަނޑުމެންނާ މިއަދު އަރާ ހަމަކޮށްފައި މިވަނީ، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް. ކޮރޯނާ ވައިރަހުގެ ނުރައްކަލުގެ ސަބަބުން، ޤައުމުގެ އިޤްތިޞާދު ވަރަށް ބޮޑަށް އަނަރޫފަވެފައިވާ ދުވަސްވަރެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަން، މުޅިންހެން ހުއްޓިފައި އޮންނަތާ ތިން މަސްދުވަހަށްފަހު، އަލުން ހުޅުވައިލީއިރު، މިއީ ރާއްޖޭގައި ފަތުރުވެރިކަން ފެށި ފަހުން، މި ޞިނާޢަތް މެދުކެނޑިގެންދިޔަ ފުރަތަމަ ފަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން، އިޤްތިޞާދީ ގޮތުން މިހާތަނަށް ނުލިބޭހާ ބޮޑު ގެއްލުމަކާ ރާއްޖެއަށް ކުރިމަތިލާންޖެހިފައިވާކަމަށާއި، އެހެންކަމުން، މިއީ އެންމެން އެކުގައި މަސައްކަތްކޮށް، ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި ތެދުވަންވީ ވަގުތުކަމަށް ރައީސް ވިދާޅުވިއެވެ. މިކަން އެންމެ ފުރިހަމައަށް ކުރެވޭނީ، ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތަކާއި، ވަޒީފާގެ މާޙައުލުގައި ޙަރަކާތްތެރިވާ ދިވެހިންގެ ޢަދަދު މިހާރަށްވުރެ އިތުރުކޮށްގެންކަމަށެވެ.

"އެހެންކަމުން އަޅުގަނޑު މިއަދުވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، ދިވެހި ޒުވާނުންނަށް އިލްތިމާސް ކުރަނީ، ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް. މިއީ، ބިދޭސީ މަސައްކަތު މީހުންގެ ސަބަބުން، ރާއްޖެއިން ބޭރުވެގެންދާ ބޭރު ފައިސާގެ މިންވަރު މަދުކުރުމަށްޓަކައިވެސް ވަރަށް މުހިންމު ކަމެއް. ހަމައެފަދައިން، ޒުވާނުން ވަޒީފާގެ މާޙައުލުގައި ޙަރަކާތްތެރިވުމަކީ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކެއްގެވެސް ޙައްލެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައިސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ޤައުމަށް ބޭނުންތެރި، ޤައުމަށް ބޭނުންހިފޭފަދަ ޝަޚްޞިއްޔަތެއް، ކޮންމެ ދަރިވަރެއްގެ ކިބައިގައި އުފެއްދުމަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުންނެވެ. އަދި ހުރިހާ ދަރިވަރުންނާއި، ޒުވާނުންނަކީވެސް، ޤައުމާމެދު ފިކުރު ހިންގައި، ޤައުމަށް ޚިދުމަތް ކުރުމުގެ ރޫޙުގައި ޢިލްމު އުނގެނި، މަސައްކަތާއި ހުނަރު ދަސްކޮށްގެން، ޤައުމު ތަރައްޤީ ކުރުމުގެ ޒިންމާއާ ޙަވާލުވާނެވުމަށް ގޮވާލައްވަމުންނެވެ.