ޚަބަރު

މަޤާމުން ވަކިކުރުމަށް ނިންމާފައިވަނިކޮށް މޫސަ އިސްތިއުފާދެއްވައިފި


މަޤާމުން ވަކި ކުރުމަށް ނިންމުމާއެކު އެޗްއާރުސީއެމްގެ މެމްބަރު މޫސާ ޢަލީ ކަލޭފާނު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި މޫސާ ޢަލީ ކަލޭފާނު ކޮމިޝަނުން ވަކިކުރުމަށް ނިންމާ ތަޅުމަށް ފޮނުވުމާއެކު މިއަދު އޭނާވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާގެ ސިޓީގައި ވިދާޅުވީ މަޤާމުގެ މަސްއޫލިއްޔަތު މިނިވަންކަމާއި، މުސްތަޤިއްލުކަމާއެކު އަދާކުރެވޭނެ މާހައުލެއް މިވަގުތު ނެތްކަމަށް ޤަބޫލުކުރެވޭތީ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ.

އެޗްއާރުސީއެމްގެ މެމްބަރު މޫސާ އަލީ ކަލޭފާނުގެ މައްޗަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. ކޮމިޓީ މަރުހަލާގައި މިމައްސަލަ ކުރިއަށްދިޔައިރު މެމްބަރުންވަނީ މޫސާ އަލީ ކަލޭފާނުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭއިރު އޭނާ މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަމުގެ މަޤާމުގައި ހުރުމަކީ އެ ކޮމިޝަނެއްގެ މުސްތަގިއްލުކަމާއި، ނަޒާހަތްތެރިކަން ގެއްލޭނެ ކަމެއްކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ޤަވާއިދުގެ 210 ވަނަ މާއްދާގައި ބުނާ ގޮތުން، މިނިވަން މުއައްސަސާތަކުގެ މެމްބަރުން، މަޤާމުން ވަކިކުރުމުގެ މައްސަލަ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަޖިލީހަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ މެމްބަރުން މަޤާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވުމުގެ އިޚްތިޔާރު މަޖިލީހުގެ ރައީސަށް ލިބިގެންދެއެވެ.

މޫސާ ޢަލީ ކަލޭގެފާނު އެޗްއާރުސީއެމްގެ މެންބަރެއްގެ ގޮތުގައި އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި، 2015 ވަނަ އަހަރުއެވެ. އޭނާގެ މައްޗަށް ކުރެވޭ 24 މިލިޔަން ރުފިޔާގެ ތުހުމަތަކީ 2007 އިން 2010 އަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ދުވަސްވަރު ކުރެވުނު ތުހުމަތެކެވެ.

އެޗްއާރުސީއެމްގެ މެމްބަރުން މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފެށުމުން ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި މެމްބަރު އައިޝަތު އަފްރީން ވަނީ މެމްބަރުކަމުން އިސްތިއުފާދެއްވާފައެވެ. އަދި މިއަދު ކޮމިޝަނުގެ މެންބަރު މޫސާ ޢަލީ ކަލޭފާނު މިވަނީ އިސްތިއުފާ ދެއްވާފައެވެ. 3 މެމްބަރުން އިސްތިއުފާދެއްވުމުން ކޮމިޝަންގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޒާހިދުގެ އިތުރުން ނައިވީން އަބްދުﷲ އެވެ. އޭނާ ހުންނެވީ މިވަގުތު މެޓަރނިޓީ ލީވްގައެވެ.