ކުޅިވަރު

ކޮމަންވެލްތް ގޭމްސް ސްޕޯޓްސް ކޮމިޓީއަށް މަރުޒޫޤު ކުރިމަތިލަނީ






ކޮމަންވެލްތް ގޭމްސް ފެޑަރޭޝަންގެ ސްޕޯޓްސް ކޮމިޓީއަށް
ކުރިމަތިލާން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު
މަރުޒޫގް ނިންމައިފިއެވެ.



ކޮމަންވެލްތް ގޭމްސްގެ ސްޕޯޓްސް ކޮމިޓީއަކީ ކޮންމެ ހަތަރު
އަހަރުން އެއް އަހަރު ބާއްވާ ކޮމަންވެލްތް ގޭމްސްގެ އެންމެހާ ކަންކަން ބަލަހައްޓާ
އެންމެ އިސް ކޮމެޓީއެވެ.

މަރުޒޫގް ވިދާޅުވީ ކޮމަންވެލްތް ގޭމްސްގެ އެކްޒެކެޓިވް
ކޮމެޓީ ފިޔަވާ ދެން އެންމެ ބާރުގަދަ ކޮމެޓީއަކީ ކޮމަންވެލްތް ގޭމްސް ފެޑަރޭޝަންގެ
ސްޕޯޓްސް ކޮމިޓީކަމަށެވެ. އަދި މިދަނޑިވަޅަކީ ރާއްޖެއިން އިންޓަނޭޝަނަލް
ކޮމެޓީތަކުގައި ބައިވެރިވާ އެންމެ ރަނގަޅު ދަނޑިވަޅުކަމަށާ ހާއްސަކޮށް ކުދި
ގައުމްތަކުގެ ވާހަކަތަށް ނުވަތަ އިހުސާސްތަށް މިފަދަ ކޮމެޓީތަކުގައި މިހާރު
ދައްކަންވެއްޖެކަމަށެވެ.

"މިގޮނޑިއަކީ މިހާރު ރާއްޖެއަށް ވަރަށް މުހިންމު ގޮނޑިއެއް،
މިކޮމެޓީ މެދުވެރިކޮށް ކުދި ގައުމްތަކުގެ ވިސްނުމާ ކުދިގައުމްތަކުގެ ވާހަކަތަށް،
ބޮޑެތި ގައުމްތަކާ ހަމައަށް ގެންގޮސްދިނުމަށް މިއީ އެންމެ ރަނގަޅު ޕްލެޓް
ފޯމް" މަރުޒޫގް ވިދާޅުވިއެވެ.

ކޮމަންވެލްތް ގޭމްސް ފެޑަރޭޝަންގެ ސްޕޯޓްސް
ކޮމިޓީއަށް މިގޭމްސްގައި ބައިވެރި ކުރުވޭނެ ކުޅިވަރުތަކާ ކުޅިވަރުތަކުގައި
ބައިވެރި ކުރެވޭ އަދަދުވެސް ނިންމުމުގެ ބާރު ލިބިގެންދެއެވެ. މަރުޒޫގް ވިދާޅުވީ
މިކޮމެޓީއަށް ހޮވިއްޖެކަމުގައިވާނަމަ، ރާއްޖެއަށްވެސް މިކަމުން ފައިދާ
ކުރާނެކަމަށެވެ.

މިގޭމްސްގެ ކަންތަށްތަށް މިހާރު ހަމަޖެހިފައިވާ ގޮތުން ނެޓްބޯޅައިގައި
ބައިވެރިވެވޭނީ އަށް ގައުމަށް، މި އަށްގައުމްގެ ބަދަލުގައި އެއަދަދު
އިތުރުކޮށްލެވިއްޖެ ކަމުގައިވާނަމަ، ރާއްޖެއަށް ފައިދާކުރާނެ ކަމަށާއި، އަދި
ބީޗްވޮލީ ފަދަ ކުޅިވަރުތަށްވެސް ތަޢާރަފް ކުރުމުގެ ފުރުސަތުވެސް
ލިބިގެންދާނެކަމަށް މަރުޒޫގް ވިދާޅުވިއެވެ.

މި ކޮމިޓީ އަށް މެމްބަރުން އިންތިހާބު
ކުރާނީ އަންނަ އަންގާރަ ދުވަހުއެވެ.