ޚަބަރު

31 ކައުންސިލަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ އެލްޖީއޭއިން ދީފި


31 ކައުންސިލަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ ލޯކަލް ގަވަރމެންޓް އޮތޯރިޓީން ދީފިއެވެ.

އެލްޖީއޭއިން ބޭއްވި ބައްދަލުވުމެއްގައިވަނީ ނިމިގެންދިޔަ ހަފްތާގައި ކުރި މުހިންމު ބައެއް މަސައްކަތްތައް ހާމަކުރައްވާފައެވެ. އޭގެތެރޭގައި 31 ކައުންސިލަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ ދިނުމާއި، ރައްޔިތުންގެ ފައިސާއިން ޚަރަދު ކުރުމުގެ ހުއްދަ 26 ކައުންސިލަކަށް އިދާރީގޮތުން ދޫކުރުން ހިމެނެއެވެ. މީގެ އިތުރުން ބިމުގެ މައްސަލަތަކާއި އެހެނިހެން ޚަރަދުކުރުމުގެ ހުއްދައަށް ކައުންސިލުތަކުން އެދިފައިވާ 44 މައްސަލައަކަށް ގޮތެއް ނިންމުމަށް ބޯޑަށް ހުށައެޅުމަށްވެސްވަނީ ނިންމާފައެވެ.

މިބައްދަލުވުމުގައި އެލްޖީއޭއިންވަނީ ބިދޭސީންގެ ދަފުތަރު އެކުލަވާލުމާގުޅޭ ގޮތުން ތައްޔާރުކުރަމުންދާ ޕޯޓަލްއާއި ގުޅިގެން މާލޭސިޓީ ކައުންސިލްގެ ބޭފުޅުންނާއެކު މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބޭއްވި ބައްދަލުކުރެއްވުމުގެ މައުލޫމާތުވެސް ހިއްސާކުރައްވާފައވެ. ބިދޭސީންގެ ޕޯޓަލްއެއް ޤާއިމްވުމުން މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބޮޑުލުޔެއް ލިބިގެންދާނެކަން މިބައްދަލުވުުގައިވަނީ ފާހަގަކޮށްފައެވެ. އަދި މިކަމުގައި އެލްޖީއޭއާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.

އެލްޖީއޭއިން ކޮންމެ ހަފްތާއަކުވެސް ކުރާ މަސައްކަތްތައް ހާމަކުރަމުންދާއިރު މިދިޔަ ހަފްތާއަކީވެސް ގިނަ މަސައްކަތްތަކެއް ކުރި ހަފްތާއެކެވެ. މިދިޔަ ހަފްތާގައިވަނީ ކުރިއަށް އޮތް 2021 ވަނަ އަހަރުގެ ވާރކްޕްލޭން އެކުލަވާލުމަށް އޮތޯރިޓީގެ މުވައްޒަފުންނާއެކު ވާރކިންގ ސެޝަނެއް ބޭއްވުމަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުމަށް ފާސްކޮށްފައެވެ. އަދި ގައުމީ އިދާރާތަކަށާއި ދައުލަތުގެ މުއައްސަސާތަކަށް ދާއިމީ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ރަޖިސްޓްރީ އެފަރާތްތަކަށް ބަދަލުކޮށް ދަފުތަރެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފައެވެ.

މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމާއެކު އައު ކައުންސިލަރުން އިންތިޚާބު ކުރަންދެން އަމަލު ކުރާނެ ޚާއްސަ ގާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި އެ ބޯޑަށް 7 ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީ މިދިޔަ މަހުގެ 9 ވަނަދުވަހުއެވެ. އެލްޖީއޭބޯޑަށް ގެނައި ބަދަލާއިއެކު ކޮންމެ ހަފްތާއަކު ކުރާ މަސައްކަތް އެލްޖީއޭއިން ދަނީ ހާމަކުރަމުންނެވެ.