ޚަބަރު

އާކްއާ ކުރުނބާ ގުޅިގެން ކުޑަކުދިންނަށް އެހީވަނީ


ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން "އާކް" އާއެކު ކުރުނބާ މޯލްޑިވްސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި ކުރުނބާ މޯލްޑިވްސްގައި އިއްޔެ ހަވީރު އޮތް ރަސްމިއްޔާތުގައި އާކުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމްއިއްޔާގެ އެގްޒެކްޓިވް ޑިރެކްޓަރ ޒެނީޝާ ޝަހީދު ޒަކީއެވެ. އަދި ކުރުނބާ މޯލްޑިވްސްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރ މިސްޓަރ ޖޭސަން ކުރޫޒްއެވެ.  މިރަސްމިއްޔާތުގައި ވާހަކަދައްވަމުން އާކްގެ އެގްޒެކްޓިވް ޑިރެކްޓަރ ޒެނީޝާ ވިދާޅުވީ، ކޯޕަރެޓް އެމްބަސެޑަރެއްގެ ހައިސިއްޔަތުން ކުރުނބާ މޯލްޑިވްސްއިންދޭ އެހީ ބޭނުންކުރައްވާނީ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކުގައި އެޖަމްއިއްޔާއިން ހިންގާ ޝެލްޓަރ ސަޕޯޓް ޕްރޮގްރާމްގައި ހިމެނޭ "އާރލީ ޗައިލްޑްހުޑް ޕްލޭ އެންޑް ޑިވަޕޮލްމަންޓް ޕްރޮގްރާމް"ގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ކަމަށެވެ. ކުޑަކުދިން ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށާއި އެކުދިންގެ ތަރައްޤީއަށް ކުޅިވަރުގެ ތެރެއިން އުނގެނުމުގެ މުހިއްމުކަން ދެނެގަނެ، މިޕްރޮގްރާމް އަމާޒްކޮށްފައިވާނީ ކުދިންގެ އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ކުޅިވަރުގެ ބައިތައް ހިމެނުމަށް ކަމަށް ޒެނީޝާ ވިދާޅުވިއެވެ. މަދަނީ ޖަމްއިއްޔާއެއްގެ ހައިސިއްޔަތުން އާކުން ކުޑަކުދިންގެ ހިޔާތަކާއެކު ކުރާ މަސައްކަތާއި، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަކީ ގިނަ ބައެއްގެ އެއްބާރުލުން ލިބިގެން ކުރާ މަސައްކަތް ތަކެއްކަން ޒެނީޝާ ފާހަގަކުރެއްވިއެވެ.