ކުޅިވަރު

އޭއެފްސީ ކަޕް ބާއްވަން ޝައުގުވެރިވީ ރާއްޖެއިން އެކަނި


އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ބާއްވަން ޝައުގުވެރިވީ ރާއްޖެ އެކަނިކަން ކަށަވަރުވެއްޖެއެވެ.

މުބާރާތުގައި ދިވެހި ދެ ޓީމު ހިމެނޭ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ބާއްވަން އެފްއޭއެމުން ޝައުގުވެރިވީ، މިއީ ދެ ވަނަ ބުރަށް ދިއުމަށް ދިވެހި ޓީމުތަކަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ބުނެއެވެ.

ރާއްޖެއާއި ބަންގްލަދޭޝްއާއި އިންޑިޔާގެ ޓީމުތައް ހިމެނޭ ގްރޫޕުގެ ބާކީ 10 މެޗު ކުޅެން ރާއްޖެނޫން ގައުމަކުން ބިޑްނުކުރި ކަމަށް ލަފާކުރެވެނީ ބަންގްލަދޭޝްއާއި އިންޑިޔާގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީއެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާއި ޓީސީއާއެކު ދެން ވާދަކުރަނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރަ ކިންގްސްގާއި އިންޑިޔާގެ ޗެންނާއީ އެފްސީއެވެ.

މުބާރާތުގެ ހޯމް އެންޑް އަވޭ އުސޫލު އުވާލައި އެއްތަނެއްގައި މެޗުތައް ކުޅެން އޭއެފްސީން ނިންމީ ވެސް ކޮވިޑް-19ގެ ސަބަބުން އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ގިނަ އުނދަގޫތަކެއް ހުރުމުންނެވެ.