ޚަބަރު

ތިބީ 3 މެމްބަރުން، 2 މެމްބަރަކު ވަކިކުރަން ތަޅުމަށް


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގައި މިވަގުތު ތިއްބެވި 3 މެމްބަރުންގެ ތެރެއިން 2 މެމްބަރަކު މަޤާމުން ވަކިކުރުމަށް ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޝަނުން ވަކިކުރުމަށް ނިންމާފައިވަނީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޒާހިދު އާއި ކޮމިޝަނުގެ މެންބަރު މޫސާ ޢަލީ ކަލޭފާނެވެ.

ކޮމިޝަނުން ވަކިކުރުމަށް ކޮމިޓީން ނިންމާފައިވާ މޫސާ އަލީ ކަލޭފާނުގެ މައްޗަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ކޮރަޕްޝަން ތުހުމަތަކެއްކުރެވި އެމައްސަލަވެސް ކޮމިޓީންވަނީ ބަލާފައެވެ. ކޮމިޓީ މަރުހަލާގައި މިމައްސަލަ ކުރިއަށްދިޔައިރު މެމްބަރުންވަނީ މޫސާ އަލީގެ ކަލޭގެފާނުގެ މައްޗަށް ކޮރަޕްޝަން ތުހުމަތުތަކެއް ކުރެވޭއިރު އޭނާ މިނިވަން މުއްސަތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަމުގެ މަޤާމުގައި ހުރުމަކީ އެ ކޮމިޝަނެއްގެ މުސްތަގިއްލުކަމާއި، ނަޒާހާތްތެރިކަން ގެއްލޭނެކަމެއްކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނުން މި ދެ މެމްބަރުންގެ މަގާމުން ވަކިކުރަން ނިންމާފައިވާ ސަބަބުތަކުގެ ތެރޭގައި ކޮމިޓީއަށް ދޮގު މަޢުލޫމާތު ދިނުމާއި،، ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުޑަކުދިންތަކަކަށް މުވައްޒަފުންތަކެއް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައް ބެލުމުގައި އިހުމާލުވުން ހިމެނެއެވެ. އަދި މީގެއިތުރުން ހަވާލުކުރައްވާފައިވާ މަސައްކަތްތަކާއި، ޒިންމާތައް އަދާކޮށްފައިނުވާކަންވެސް ކޮމެޓީން ވަނީ ފާހަގަކޮށްފައެވެ. ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޒާހިދު އާއި ކޮމިޝަނުގެ މެންބަރު މޫސާ ޢަލީ މަޤާމުން ވަކިކުކުރުމަށް ނަން ތަޅުމަށް ފޮނުވަން ނިންމުމުގެ ކުރިން ވަނީ ކުރެވުނު ތުހުމަތުތަކަށް ޖަވާބާދާރީވުމަށް ކޮމެޓީން ވަނީ ފުރުސަތު ދީފައެވެ.

އެޗްއާރުސީއެމްގެ މެމްބަރުން މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސާތަކުގެ ކޮމެޓީން ފެށުމުން ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި މެމްބަރު އައިޝަތު އަފްރާިން ވަނީ މެމްބަރުކަމުން އިސްތިއުފާދެއްވާފައެވެ.

އެ ދެ މެމްބަރުން އިސްތިއުފާދެއްވުމުން ކޮމިޝަންގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޒާހިދު އާއި ކޮމިޝަނުގެ މެންބަރު މޫސާ ޢަލީ ކަލޭފާނާއި މެމްބަރު ނައިވީން އަބްދުﷲ އެވެ. ނައިވީން އަބްދުﷲ މިވަގުތު ހުންނެވީ މެޓާނިޓީ ލީވްގައެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހަތަރު މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރުވަނީ ހުޅުވާލައްވާފައެވެ.