ޚަބަރު

ކޯވިޑް-19 : އިތުރު 17 މީހުން މިއަދު ޕޮޒިޓިވް، ގިނައީ ދިވެހިން


ރާއްޖެއިން އިތުރު 17 މީހުން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއަދު ޕޮޒިޓިވްވީ 13 ދިވެހިންނާއި، ބަންގްލަދޭޝްގެ 3 މީހެއްގެ އިތުރުން ސްރީލަންކާ މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 2,930އަށް އަރާފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު 14 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 2354އަށް އިތުރުވެފައއެވެ. މިބަލި ޖެހިގެން ފަރުވާދެމުންދަނީ 546 މީހުންނަށެވެ.

ފުރަބަންދަށް ދިން ލުއިތަކާއެކު މިހަފްތާތެރޭގައި ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވީނަމަވެސް އިއްޔެއާއި މިއަދު ޕޮޒިޓިވް ކޭސްތަކުގެ އަދަދުވަނީ ދަށްވެފައެވެ. އެގޮތުން މިއަދު 17 މީހުން ޕޮޒިޓިވްވެފައިވާއިރު، އިއްޔެ 14 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.

މިއަދު ބ.ތުޅާދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ހާޓްއެޓޭކެއް ޖެހިގެން ނިޔާވުމާ ގުޅިގެން އޭނާގެ ސާމްޕަލް ކޯވިޑް-19އަށް ޓެސްޓްކުރިއެވެ. ނަތީޖާއަކީ ޕޮޒިޓިވްއެވެ. ނަމަވެސް އޭނާ ނިޔާވީ ކޯވިޑް-19 ޖެހިގެންކަމަށް އެޗްޕީއޭއިން ނިންމާފައެއް ނުވެއެވެ. މިއާއެކު ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމުލަ ޢަދަދަކީ އަދިވެސް 15އެވެ.

ކޯވިޑް-19އަށް ޓެސްޓްކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާއިރު، މިހާތަނަށް މިބަލި ދެނެގަތުމަށް މުޅިރާއްޖެއިން ވަނީ 66606 ސާމަޕަލް ނަގާފައެވެ.