ޚަބަރު

ޢާންމުންގެ ތެރެއިން ޖޭއެސްސީއަށް މެންބަރަކު އައްޔަންކުރުމަށް 2 ބޭފުޅެއްގެ ނަން މަޖިލީހުގެ ތަޅުމަށް


ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އާންމުގެ ތެރެއިން އައްޔަންކުރާ މެންބަރަކު ހޮވުމަށް 2 ބޭފުޅެއްގެ ނަން ޖުޑިޝިއަރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

ޢާންމުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވި 5 ފަރާތާ އިންޓަވިއުކުރުމަށްފަހު، އެ މަޤާމަށް ޢައްޔަންކުރުމަށް ކޮމިޓީން ރުހުން ދިނުމަށް ފާސްކުރެއްވީ، އައްޑޫ ސިޓީ މަރަދޫ މޫންލައިޓް ހައުސް އާމިނަތު އުއްމުކުލްޘޫމްއާ، ހ. ރޯޒްމެރީ އާދަމް މިޤްދާދުގެ ނަންފުޅެވެ،

މި ދެބޭފުޅުންގެ ނަން ތަޅުމަށް ފޮނުވަން ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖުޑިޝިއަރީ ކޮމިޓީގެ 11 ވަނަ ބައްދަލުވުމަށް ހާޒިރުވެ ވޯޓުދިން މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރު ފިޔަވާ ސްޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަންޑައަޅުއްވާ މެންބަރެއްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ދައުލަތުގެ ބަންޑާރަ ނައިބެވެ.

ޖޭއެސްސީގެ މެންބަރުންގެ ތެރެއިން އާންމު މެމްބަރުގެ މަޤާމްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްވެސް އިސްތިއުފާދެއްވާފައިވާތީ އެމަޤާމްވެސްއޮތީ ހޮސްކޮށެވެ.