ރިޕޯޓް

ޢަބްދުއްރަހްމާނު : ޤަރުނަކަށްވުރެ ގިނަދުވަހު ދުނިޔޭގައި ، އުޅުނީ ރީތި ދިރިއުޅުމެއް


ދިވެހިންގެ އެވަރެޖު ޢުމުރު އުޅެނީ ޢާއްމުގޮތެއްގައި 60 އަހަރާއި 70 އަހަރާދެމެދުގައެވެ. އެހެންނަމަވެސް ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަތައް ބަދަލުވެ، ދިރިއުޅުމުގެ ޙާލަތު ރަނގަޅުވުމާއި، ޞިއްޙީ ފަރުވާގެ އިންތިޒާމު ރަނގަޅުވުމުން ޢުމުރުން 80 އަހަރުން މައްޗަށް އަދި 90 އަހަރުން މަތީގައިވެސް ފަހަކަށްއައިސް ދިވެހިން ދުނިޔޭގައި ދިރިއުޅެއެވެ. މަދުން ނަމަވެސް ގަރުނަކަށްވުރެ ގިނަ ދުވަހު ދިރިއުޅެފައިވާ ދިވެހިންވެސް އެބަތިއްބެއެވެ.

ރާއްޖޭގައި އެންމެފަހުން ހުރި ޢުމުރުން އެންމެ ދުވަސްވީ އެކަކީ، ހއ.ހަތިފުއްޓަށް އުފަން ޢުމުރުން 106 އަހަރުގެ ޢަބްދުއްރަހްމާނު މޫސާއެވެ. އޭނާ ވަނީ މިއަދު ހެނދުނު ކުއްލިގޮތަކަށް ނިޔާވެފައެވެ.

ހަތިފުށީ ރައްޔިތުން ހދ.ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމެވި ހިސާބުންފެށިގެން ނިޔާވުމާ ހަމައަށްވެސް ޢަބްދުއްރަހްމާނު ދިރިއުޅެމުންގެންދިޔައީ އޭނާގެ ޢާއިލާއާއެކު ހދ.ހަނިމާދޫގައެވެ. ޢަބްދުރަޙުމާނުގެ އައިޑީކާޑުގައި ވާގޮތުން އޭނަގެ އުފަން ތާރިޚަކީ 11 ނޮވެމްބަރު 1913އެވެ.

ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަމުން އަބްދުއްރަހްމާނުގެ އެންމެ ހަގު ފިރިހެން ދަރިފުޅު އަބްދުއްރަޝީދު(57އ) ބުނީ އޭނާގެ ބައްޕަގެ ޞިއްޙީ ޙާލަތު ވަރަށް ފަހަކާ ޖެހެންދެންވެސް ރަނގަޅުކަމަށެވެ. މީހެއްގެ އެހީއެއް ނެތި އަމިއްލައަށް ހިނގާބިނގާވެއުޅޭކަމަށެވެ. އަދި ފަސޭހަކަމާއެކު މީހުންނާ ވާހަކަވެސް ދައްކާއުޅުނުކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ބައްޕައަށް ފަހުން ސްޓްރޯކެއް ޖެހި ބައެއް ސިއްޙީ މައްސަލަތައް ދިމާވެފައިވާކަން އޭނާ ފާހަގަކުރިއެވެ. އެގޮތުން އެއްފަހަރަކު ފާޚާނާކުރަން އުޅުމުގެ ތެރޭގައި ކައްސާލައިގެން ވެއްޓި ފައިގެ އުކުޅުވަޅު ކައިރިން ބިންދައިގެން ދިިޔަކަމަށް އޭނާ ބުންޏެވެ. އެއާއެކު އޮޕަރޭޝަން ކުރުމަށްފަހު ބިންމަތީ ފައި ޖައްސަން ޑޮކްޓަރު މަނާކޮށްފައިވާކަމަށްވެސް ޢަބްދުއްރަޝީދު ބުންޏެވެ. މިއޮޕަރޭޝަންކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 22ވަނަ ދުވަހުގައެވެ. ނިޔާވުމާއި ހަމައަށްވެސް ބައްޕަ އޮތީ އެނދުމަތީގައިކަމަށާ، ނަމަވެސް ކައިބޮއި ހެދުމަށާއި ގާތްތިމާގެ މީހުންނަށް ވާހަކަދައްކާ ހަދަން އެނދުމަތީ އިށީންދެއް އިންނަކަމަށް ޢަބްދުއްރަޝީދު ބުންޏެވެ.

އަބްދުއްރަޝީދު ބުނިގޮތުގައި އޭނާގެ ބައްޕައަކީ ކޮންމެ ދުވަހަކުވެސް ދިރިއުޅުމުގައި ވަރަށް ތަރުތީބުން އުޅުނު މީހެކެވެ. އަދި މި އާދަ އޭނާގެ ދަރިންގެވެސް އޭނާ ބެލެހެއްޓުމުގައި ހިފަހައްޓާފައިވާކަމަށް އޭނާ ބުންޏެވެ.

މިއަދުވެސް އެހެން ދުވަސްތަކެކޭ އެއްގޮތައް ހެނދުނު ބައްޕަ ސާފުތާހިރުކުރިފަހުން، ސައިވެސް ބުއިކަމަށް ދަރިފުޅު އަބްދުއްރަޝީދު ބުންޏެވެ. އެހެންނަމަވެސް ސައިބުއިމަށްފަހު ހެނދުނު 7 ޖަހާ އެހައިކަންހާއިރު އުނދަގޫތަކެއްވާން ފެށުމުން އެމަޖެންސީކޮށް ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތްކުރިކަމަށް ޢަބްދުރަޝީދު ބުންޏެވެ. އަދި ބައްޕަ ނިޔަވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީ އެމްބިއުލާންސް ތެރޭގައިކަމަށް އޭނާ ބުންޏެވެ.

"ބައްޕައެއް އުނދަގޫތަކެއްވާތީ ބެލީ އަވަހަސް ހޮސްޕިޓަލަށް ގެންދެވޭތޯ. ހޮސްޕިޓަލަށް ގެންދިޔުމަށް ބައްޕަ ގޮވައޮގެންވެސް ދިޔައީ އަޅުގަނޑު. އެންމެ ފަހު ވަގުތުކޮޅު ހެދަކުރެވުނީ އެމްބިއުލަންސްގެ ތެރޭގައި. އޭރު ގާތްގަނޑަކަށް 07:15ވާނީ. ހޮސްޕިޓަލަށް ގެންދިޔުމުން ޑޮކްޓަރު ބަލާފައި ބުނީ ގުދުރަތީ މަރެއްކަމަށް." ޢަބްދުއްރަޝީދު ބުންޏެވެ.

ޢަބްދުއްރަޝީދު ކިޔައިދިން ގޮތުގައި އޭނާގެ ބައްޕައަކީ ފެށުނީއްސުރެ ޢާމްދަނީ ހޯދުމަށް މަސްވެރިކަމުގަ ހަރަކާތްތެރިވި މުރާލި މީހެކެވެ. އެގޮތުން ބައްޕަގެ ފައި ބިނދުމާ ހިސާބަށްވެސް މަސްވެރިކަމުގައި އައީ ޙަރަކާތްތެރިވަމުންކަމުގައި ޢަބްދުއްރަޝީދު ކިޔައިދިނެވެ. އެންމެ ފުރަތަމަ ޢާއިލާގެ ދޯންޏެއްގައި ވަރަށް ގިނަ ޒަމާންތަކެއްވަންދެން މަސްވެރިކަން ކުރުމަށްފަހު ޢާއިލާއިން އެދޯނި ވިއްކާލުމާހަމައަށް އުޅުނީ އޭގައެވެ. ފަހުން ކުޑަ ދޯންޏެއްގައިވެސް އަމިއްލައަށް މަސްވެރިކަން ކުރުމުގައި ޢަބްދުރަޙުމާނުވަނީ އުޅެފައެވެ. ބައްޕަ އެހާ ކުރާހިތުން ކުރާ ކަމަކަށްވުމުން ބައްޕަގެ ޢުމުރުން ދުވަސްވުމުންވެސް ޢައިލާއިން އެކަން ހުއްޓުވުމުގެ ބަދަލުގައި އެކަމަށް އެއްބާރުލުންދީ ބައްޕައަށް އެހީތެރިވެފައިވާލަން އޭނާ ފާހަގަކުރިއެވެ.

ޢަބްދުއްރަޙުމާނު ވަޅުލާފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު ހަނިމާދޫ ސަހަރާގައެވެ. ޢަބްދުރަޙުމާނު ކޮށްފައިވަނީ އެންމެ ކައިވެންޏެކެވެ. އެކައިވެންޏަށް 6 ދަރިންވަނީ ލިބިފައެވެ. އެއީ 2 ފިރިހެން ދަރިންނާއި 4 އަންހެން ދަރިންނެވެ. އަދި ނިޔާވިއިރު، ކާފަކިޔާ 40 ކުދިންނާއި އަދި މުނިކާފަކިޔާ 38 ދަރިން ދުނިޔެގައި އެބަތިއްބެވެ.

މަސްވެރިކަމުގެ އިތުރުން ޢަބްދުރަޙުމާނުވަނީ ޒުވާންދުވަސްވަރު ރުއްވެސް އަރާފައެވެ. އަދި އޭނާއަކީ ކުޅިވަރަށް ލޯބިކުރާ މީހެއްކަމަށާއި އެންމެ ފޯރީގަ ކުޅެއުޅުނީ ފުޓުބޯޅައާއި ކުރިކެޓުކަމަށް ޢާއިލާއިން ބުނެއެވެ. މީގެއިތުރުން އޭނާއަކީ ދިވެހި އަދަބިއްޔާތުގެ އެކި ކަންކަމަށްވެސް ވަރަށްލޯބިކުރާ މީހެއްކަމަށް ޢާއިލާއިން ބުނެއެވެ.

އެސޮރު

މާތް ﷲ މަރުހޫމުގެ ފާފަ ފުއްސަވައި ރަހުމަތް ލައްވާށި. ޖީލުތަކަކަށް ނަމޫނާ ދެއްކުމަށްފަހު މި ފަނާވަނިވި ދުނިޔެ ދޫކޮށް އެ ދިޔައީ އެކަލާނގެ ހަޟްރަތަށް. ވިސްނާ ބަޔަކަށް އިބްރަތްތަކެއް ހާސިލުވާނެ

ޙަސަން

انالله وانااليه راجعون މާތް ﷲ މަރުޙޫމް ޢަބުދުއްރަޙުމާނު މޫސާ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ، ޢާއިލާޔަށް ކެތްތެރިކަމާއި، ދުޅަހެޔޮކަން ދެއްވާށި. امين