އުމުރުން 17 އަހަރުގެ ކުއްޖަކަށް ބިރުދައްކައި ބްލެކްމެއިލް ކޮށް ގެސްޓް ހައުސްއަކަށް އެކުއްޖާ ގެންގޮސް ޖިންސީގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހެއްޓުމަށް އަމުރުކޮށްފައިވަނީ ނ. ލަންދޫ، ޗިޗަންޑާގެ، އުމުރުން 22 އަހަރުގެ އިބްރާހީމް ނިހާނު އެވެ. މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިމަހުގެ 5 ވަނަދުވަހުކަމަށާއި މި މީހާ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރީ މިމަހުގެ 15 ދުވަހުކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މީހާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ މައްސަލައަކަށްވެފައި، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބަލައި ޝަރީއަތް ނިމެންދެން މި މިހާ ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައިގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއެވެ.
ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ ިއލްތިމާސްކުރައްވާފައެވެ.