ޚަބަރު

"ދަ ނެލްސަން މަންޑޭލާ ރޫލްސް"ގެ ދިވެހި ތަރުޖަމާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް އަރުއްވައިފި


ޖަލުތަކުގައި ތިބޭ މީހުންނާމެދު އަމަލުކުރުމަށް އދ.ން އެކުލަވާލާފައިވާ އުސޫލުކަމަށްވާ "ދަ ނެލްސަން މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާކޮށް ޢާއްމުކޮށްފިއެވެ.

ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އ.ދ.ން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ، މިސް ކެތަރިން ހަސްވެލްވަނީ މިފޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމަށް އަރުވާފައެވެ. މިރަސްމިއްޔާތުގައި ނައިބު ރައީސްވަނީ ނެލްސަން މަންޑޭލާގެ ޙަޔާތުން އިބުރަތް ޙާސިލްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އަމިއްލަފުޅު ދިރިއުޅުމުގައިވެސް މަންޑޭލާ ގެންގުޅުއްވި އާދަތަކާއި އުސޫލުތައް އަށަގެންނެވުމަށް މަސައްކަތްކުރައްވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ނައިބު ރައީސް ވަނީ، ކުށްވެރިން ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމަޢަށް ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ބަހައްޓަވާ ޚާއްޞަ އިސްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ރާއްޖޭގެ ޖަލުތަކުގައި ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްފައިވަނީ މިބޭނުމުގައިކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ދެއްކެވި ވާހަކަފުޅުގައިވަނީ ޖަލުތަކުގައި ތިބޭ ގައިދީންނާމެދު ޢަމަލުކުރުމަށް މަންޑޭލާ ގެންގުޅުއްވި ހަރުދަނާ އުސޫލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިކަންކަން ތަންފީޒުކުރުމަށާއި އެހެނިހެން ދާއިރާތަކުންވެސް އދ.ގެ އެހީތެރިކަން ރާއްޖެއަށް ހޯއްދަވައިދެއްވުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ކެތަރިން ހަސްވެލްވަނީ އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މި ބައްދަލު ކުރެއްވުމުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަލުތަކުގައި ތިބޭ މީހުންނާ މެދު ޢަމަލުކުރަންޖެހޭ ގޮތާއި ކަންކަން އިންތިޒާމުކޮށް ބަހައްޓަންޖެހޭ ގޮތުގެ މިންގަނޑުގެ ގޮތުގައި ނެލްސަން މަންޑޭލާ ރޫލްސްގެ ނަމުގައި އެކުލަވާލާފައިވާ އުސޫލު ދިވެހި ބަހަށް ތަރުޖަމާކޮށް ޢާއްމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ ފަރާތަކުންވެސް އަހުލުވެރިވެ މިކަމަށް ދޭ ސަމާލުކަން އިތުރުކުރުމެވެ. 43 ސަފްޙާގެ މި ފޮތުގެ ދިވެހި ތަރުޖަމާ މިހާރު މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ވެބްސައިޓުގައިވަނީ ޢާއްމުކޮށްފައެވެ.

"ނެލްސަން މަންޑޭލާ ރޫލްސް،" މި ފޮތަކީ ދެކުނު އެފްރިކާގައި ހިނގަމުންދިޔަ ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް މަންޑޭލާ ކުރެއްވި މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން މަންޑޭލާގެ ޝަރަފުގައި ލިޔެފައިވާ ފޮތެކެވެ. ދެކުނު އެފްރިކާގައި އޮތް "އެޕާތައިޑް" ނުވަތަ ނަސްލީ ތަފާތުކުރުމުގެ ވެރިކަމާއި ދެކޮޅަށް ކުރެއްވި މަސައްކަތުގެ ތެރެއިން ނެލްސަން މަންޑޭލާ 27 އަހަރު ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. މި ފޮތުގައި ޤައިދީންނާއި މެދު އިންސާފާއި، އިންސާނީ ކަރާމާތް ނުގެއްލޭ ގޮތައް ޢަމަލުތައް ބަހައްޓާނެގޮތް ވަރަށް ތަފްޞީލުކޮށްވަނީ ލިޔެފައެވެ.