ކުޅިވަރު

އިނގިރޭސިވިލާތުގައި ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ހުއްދަ އޮކްޓޫބަރުމަހު ދޭން ވިސްނަނީ - ބޮރިސް ޖޯންސަން


އިނގިރޭސި ވިލާތުގައި ސަޕޯޓަރުން މެޗުބެލުމަށް ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ އޮކްޓޫބަރުމަހުގެ ތެރޭގައި ދެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް އިނގިރޭސި ޕްރައިމް މިނިސްޓަރ ބޯރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު އިނގިރޭސި މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޕްރައިމް މިނިސްޓަރ ބޯރިސް ޖޯންސަން ވިދާޅުވީ، މިހާރު އިނގިރޭސިވިލާތުގެ ހާލަތު އޮތްގޮތުން ސަޕޯޓަރުން ވައްދައިގެން މެޗުތަށް ކުޅުންފަދަ ބޮޑެތި ހަރަކާތްތަށް ބޭއްވިދާނެކަމަށް ފެންނާތީ މިހާލަތު އިތުރަށް ދިރާސާ ކުރަމުންދާކަމަށެވެ. އެގޮތުން މިހާރު، މީހުން އެއްވެ އުޅޭގޮތަށް ޕައިލެޓް ތިން އިވެންޓެއް ރާވާފައިވާ ކަމަށާއި، މި ތިން އިވެންޓުން ނުކުންނަށް ނަތީޖާއަކަށް ބަލާފައި، އެންމެ އަވަސްވެގެން އަންނަ އޮކްޓޫބަރުމަހުގެ ތެރޭގައި ސަޕޯޓަރުން ސްޓޭޑިއަމްތަކަށް ސަޕޯޓަރުން ވައްދައިގެން މެޗުތަށް ކުރިއަށްގެންދަން ހުއްދަ ދޭން ވިސްނަވާކަމަށެވެ.

މީޑިއާ ރިޕޯޓްތަށް ބުނާގޮތުން ޕައިލެޓް ޕްރޮޖެކްޓް ތަކުގެ ގޮތުގައި ރާވާފައިވާ ތިން އިވެންޓަކީ، އިނގިރޭސި ވިލާތުގެ ޝެފިލްޑްގައި އޮންނަ ވޯލްޑް ސްނޫކާ ޗެމްޕިއަންޝިޕް އާއި، "ގޫޑްވޫޑް ހޯސް ރޭސިން" އިވެންޓަކާއި، އަދި އެކުވެރިކަމުގެ ކްރިކެޓް މެޗެކެވެ. މިތިން އިވެންޓު ކުރިއަށްގެންދާނީ، އެގައުމުގެ ސިއްހީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން، ޚާއްސަ އުސޫލުތަކެއްގެ ތެރެއިންނެވެ. އަދި މިއިވެންޓުތަކުން ރަނގަޅު ނަތީޖާއެއް ނިކުމެއްޖެނަމަ ވަކި އަދަދަކަށް ސަޕޯޓަރުން ދަނޑަށް ވަނުމަށް އެގައުމުން ހުއްދަދޭނެއެވެ.

ކޯވިޑް-19 އިތުރަށް ފެތުރުން ކުޑަކުރުމުގެ ގޮތުން އިނގިރޭސިވިލާތުގައި ގިނަމީހުން އެއްވެއުޅޭގޮތަށް ކުޅިވަރުކުޅުމާއި އެހެނިހެން ހަރަކާތްތައް ބޭއްވުން މެދުކަނޑާލާފައި ވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.