ޚަބަރު

ދޯނި އަޑިއަށް ދިޔުން: މާލީ ބޮޑު ގެއްލުމެއް ފުރާނަ ސަލާމަތްވީ ހަމަކިރިޔާ


ނުވަ މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ކަނޑުރޯދި އެކެއް ދޯނި އަޑިއަށް ގޮސް އެދޯނިން ދަތުރުކުރި އެންމެން ކަނޑުވި ޙާދިސާގައި މާލީ ބޮޑު ގެއްލުމެއްވެ ދަތުރުކުރި މީހުންގެ ފުރާނަ ސަލާމަތްވީހަމަ ކިރިޔާއެވެ. މިހާދިސާގައި 5 ވަރަކަށް ލައްކަ ރުފިޔާގެ ގެއްލުމެއް ލިބިފައިވާކަމަށް ދޯނީގެ ވެރިޔާ ހާމަކުރެއެވެ.

ކަނޑުރޯދި އެކެއް ރޭ ދިހައެއްޖެހި އިރު މަސްވެރިކަމަށް ފުރީ ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މޫސުމާބެހޭ މަޢުލޫމާތު ހޯދުމަށްފަހު މޫސުން ރަނގަޅުކަމަށް ދައްކާތީއެވެ. ފުރައިގެން ގޮސް މެންދަމު ތިންގަޑި ބައިހާއިރު ގާދޫކޮލުން ބޭރަށް ނުކުތްއިރުވެސް މޫސުން ރަނގަޅުކަމަށް ދޯނީގެ އޮޑިވެރި މީހާ ބުންޏެވެ. މިޙާދިސާއަށްފަހު ސިފައިންގެ އެހީގައި މާލެއައުމަށްފަހު ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ކަނޑުރޯދި އެކެއްގެ އޮޑިވެރިޔާ ޢަބްދުﷲ ރިފާއު ބުނީ ދޯނި އަޑިއަށް ދިޔަ ވިލާގަނޑު ކުރިމަތިވީ ގާތްގަނޑަކަށް ހަގަޑި ބައިހާއިރުކަމަށެވެ. ދޮށިއެޅުމުގެ ކުރިންވެސް އިންޖީނާއި އެހެނިހެން ހުރިހާކަމަކަށް ރައްކާތެރިވުމަށްޓަކާ ބެލިކަމަށް އޭނާ ބުންޏެވެ.

މާލެ ކައިރީގައި އޮތް ބޮއިއެއްގެ ކައިރީގައި ދޮށިއެޅުމަށްފަހު އޭގެ އިރުގަނޑެއްފަހުން ދޯނީގެ ފަހަތުން ރާޅުއަރަންފެށުމުން ގޮސްބެލިއިރު އިންޖީނުގެ ދެބައިކުޅަ އެއްބައި އޮތީ މޫދު އަޑީގައި ކަމަށް އޭނާ ބުންޏެވެ. އަދި ހުރިހާ ފަރާތެއް ގުޅިގެން އޮޑި ސަލާމަތްވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރިނަމަވެސް ވިލާގަނޑު އައިގަޑީގައި އެކަމެއް ނުކުރެވުނުކަމަށް ވަރަށް އަސަރާއެކު ރިފާއުވަނީ ކިޔައިދީފައެވެ. ދޯނީ ތެރޭގައި ބޮޑުވަމުން އައި ދިޔަގަނޑު ހިއްކުމުގެ މަސައްކަތް އެންމެން ގުޅިގެން ބާލިދީތައް ބޭނުންކޮށްގެން ކުރިނަމަވެސް ދިޔަގަނޑު ބޮޑުވެ ހަމައެއްކޮށް އަޑިއަށް ދިޔައީކަމަށް އޭނާ ބުންޏެވެ. ދެން ކަނޑުވެފައި ތިއްބާ އެހެންދިޔަ 3 ދޯންޏަށް ފެނުނީ ނަސީބެކެވެ.

"ވަރަށް މަސައްކަތްކުރިން ސަލާމަތް ކުރެވޭތޯ. އެކަމަކު އެގަޑީގައި ހަމަ އެކަމެއް ނުކުރެވުނު. ބޮޑަށް ބެލެވެނީ ކޮށިފިލާގަ ޖަހާފަހުރި ފައިބަރު ގަނޑު ނައްޓައިގެންގޮސްގެން ހިނގި ހާދިސާއަކަށް." ކަނޑުރޯދި އެކެއްގެ އޮޑިވެރިޔާ

ކަނޑުވި ދޯންޏަކީ އަދި އާދޯންޏެއްކަން ފާހަގަކުރަމުން ރިފާއު ބުނީ މިދޯނި ގަތްތާ އަދިވާނީ 8 މަސްކަމަށެވެ. ހަތްލައްކަ ރުފިޔާއަށް ގަތް ދޯނި ކަނޑުވެދިޔައިރު އަދި ގަތް ފައިސާގެތެރެއިން 2 ލައްކަ ރުފިޔާ ނުދެއްކި ހުރިކަން އޭނާވަނީ ފާހަގަކޮށްފައެވެ. ބޮޑު އިންވެސްޓްމެންޓެއްކޮށްގެން ދޯނި ގަނެ ބޭނުންކުރަމުން ދިޔައިރު އިންޝުއަރެންސްނުކޮށް ހުރިކަމަށް ރިފާއުވަނީ ބުނެފައެވެ. މިހާދިސާގައި 5 ވަރަކަށް ލައްކަ ރުފިޔާގެ ގެއްލުމެއް ލިބުނުއިރު ދޯނީގައި ތިބި މީހުންވަނީ މިކަމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.

ކަނޑުވެފައިތިއްބާ ސަލާމަތްކުރި ކ.ގުޅީ ރޭސަމް ދޯނިން ސިފައިންނަށް ގުޅާ ވެދިން އެހީތެރިކަން އޮޑިވެރިޔާވަނީ ފާހަގަކޮށްފައެވެ. އަދި މިކަމުގައި ކުޑަ ވަގުތުކޮޅެއްގެތެރޭގައި ސިފައިން ވެދިން އެހީތެރިކަންވެސް އެފަރާތުން ފާހަގަކުރެއެވެ.

މިޙާދިސާގައި 9 މީހުން ކަނޑުވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 5 ދިވެހިންނާއި 4 ބިދޭސީން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 61 ފޫޓުގެ މިދޯނި ވިލާގަނޑުގައި އެއްކޮށް އަޑިއަށް ގޮސްފައިވާއިރު މިފަދަ ޙާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އިންޝުއަރކުރުމަކީވެސް މުހިއްމުކަމެކެވެ.

މޫސުން ގޯސްވެގެން ހިނގި މިޙާދިސާގައި މީހަކަށް ގެއްލުން ލިބިފައިނުވިނަމަވެސް މިއީ ނުރައްކާތެރި ޙާދިސާއެއްކަމަށާއި މިފަދަ ކަންކަމުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެމްއެންޑީއެފުންވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.