ވިޔަފާރި

ޑަބްލިޔުޓީއޯގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް 8 ޤައުމަކުން ނަން ހުށަހަޅައިފި


ބައިނަލްއަޤްވާމީ ވިޔަފާރިއާބެހޭ ޖަމުޢިއްޔާ، ޑަބްލިޔު.ޓީ.އޯގެ ވެރިޔާގެ މަޤާމަށް 8 ޤައުމަކުން ނަން ހުށަހަޅައިފިއެވެ.

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް ޤައުމުތަކުން ނަން ހުށަހަޅާފައި މިވަނީ، އެމަޤާމުގައި މިހާރު ހުންނެވި ބްރެޒިލްގެ ރޮބާޓޯ އެޒްވާޑޯ އަންނަމަހުގެ 31 ވަނަ ދުވަހު މަޤާމުން ވަކިވެވަޑައިގަންނަވާނެކަން މިދިޔަ މޭމަހު އިޢުލާންކުރުމުންނެވެ. 2 ދައުރު އެމަޤާމުގައި ހުންނެވުމަށްފަހު ރޮބާޓޯ މަޤާމުން ވަކިވުމަށް ނިންމެވިއިރު، އޭނާގެ މަޤާމުގެ ދައުރުގެ އެއް އަހަރު ބާކީ އެބައޮތެވެ.

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް ކުރިމަތިލުމަށް އެޖަމުޢިއްޔާގެ މެމްބަރު ޤައުމުތަކަށް ހުޅުވާލި ފުރުޞަތު މިމަހުގެ 8 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު 8 ޤައުމަކުން ވަނީ އެމަޤާމަށް ނަން ހުށަހަޅާފައެވެ. ނަން ހުށަހެޅި ޤައުމުތަކަކީ، މިސްރު، ދެކުނު ކޮރެޔާ، މެކްސިކޯ، މޯލްޑޯވާ، ނައިޖީރިއާ، ސައުދީ އަރަބިއްޔާ އަދި އިނގިރޭސިވިލާތެވެ. މިޤައުމުތަކުން ވަނީ ވިޔަފާރީގެ ދާއިރާއިން ތަޖުރިބާކާރު ބޭފުޅުންތަކެއްގެ ނަން ހުށަހަޅާފައެވެ.

ޑަބްލިޔުޓީއޯގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުން ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ މިމަސައްކަތުގެ 2 ވަނަ މަރުހަލާއެވެ. 7 ސެޕްޓެމްބަރާ ހަމައަށް ކުރިއަށްދާ މިމަރުހަލާގައި އޮންނާނީ ނަން ހުށަހެޅި ބޭފުޅުން ޖަމުއިއްޔާގެ މެމްބަރުންނަށް ތަޢާރަފްވުމެވެ. އެއަށްފަހު ޑަބްލިޔުޓީއޯގެ ތެރޭގައި މަޝްވަރާކުރުމަށްފަހު އެޖަމުޢިއްޔާގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް އައު ބޭފުޅަކު އައްޔަންކުރާނެއެވެ. ނަމަވެސް އޮގަސްޓް 31 ވަނަ ދުވަހު މިހާރުގެ ޑިރެކްޓަރ ޖެނަރަލް މަޤާމުން ވަކިވުމުން ވަގުތީގޮތުން އެމަޤާމަށް ބޭފުޅަކު އައްޔަންކުރާނެއެވެ.