ރާއްޖޭގެ ބޮޑުބަޔަކަށް މިހާރުކުރަމުން އަންނަ ވިއްސާރާގައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ. 
އެ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ސަރަހަދަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އަންގަވާފައެވެ. މިގޮތުން ހއ އަތޮޅުން ދ އަތޮޅަށް އަދި ލ އަތޮޅުން އައްޑީސިޓީއަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. 
ރާއްޖެއަށް މޫސުމް ލަފާކުރާ ގޮތަށް ބަލާލާއިރު ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއި އެކު ވިއްސާރަކުރުން އެކަށީގެންވެއެވެ. އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. 
ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 7 މޭލާއި  17 މޭލާ ދެމެދުގެ ބާރު މިނުގައި  ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވެ ކަނޑުތައް ގަދަ ވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރައްވައެވެ. 
ރާއްޖޭގައި ރާޅުގެ އުސްމިން: 2- 5 ފޫޓާއި ދެމެދުގައި ހުންނާނެކަމަށާއި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.